ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ފީފާއިން އަލަށް ފަށާ 15އަހަރުން ދަށުގެ ފުޓުބޯޅަ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިފައިވާއިރު، މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައެވެ.
ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ބައިވެރިވެވޭ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި މި މުބާރާތުގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ބައިވެރިވުން ކަށަވަރުކުރުމެވެ. ފެސްޓިވަލެއްގެ ސިފައިގައި ކުރިއަށްގެންދާ މި އިވެންޓްގައި މިއަހަރު ވާދަކުރާނީ ހަމައެކަނި ފިރިހެން ކުދިންގެ ޓީމުތަކެވެ. އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ އަހަރަށެވެ.
މި މުބާރާތުގައި ކުޅެވޭނީ 2011އަދި 2012ވަނަ އަހަރު އުފަންވި ކުޅުންތެރިންނަށެވެ. ކޮންމެ ގައުމަކުން ވެސް 14ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލަން ޖެހޭއިރު، އޭގެ ތެރޭގައި ދެ ގޯލްކީޕަރުން ހިމެނުން ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން ޓީމު އޮފިޝަލުންގެ ގޮތުގައި ފުރުސަތު ލިބޭނީ ހަ މެމްބަރުންނަށެވެ.
މުބާރާތުގެ ފޯމެޓަށް ބަލާއިރު، އެންމެ ފުރަތަމަ ކުރިއަށްދާނީ ތިނަކާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ކޮލިފައިން ބުރެކެވެ. ޖުމްލަ 32ގްރޫޕަކަށް ބަހާލައިގެން ކުޅޭ ކޮލިފައިންގައި ކޮންމެ ޓީމަކަށް ވެސް ފަހެއް ނުވަތަ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. ކޮންމެ ގްރޫޕެއްގައި ހައެއް ނުވަތަ ހަތް ޓީމު ހިމެނޭނެއެވެ. އޭގެ ފަހުން ފެށޭ ރަސްމީ މުބާރާތުގައި 32ޓީމު ހަތް ޑިވިޝަނަކަށް ބަހާލައިގެން ކުޅޭއިރު (ރޭންކް ކުރެވޭ ހަ ޑިވިޝަނާއި ބާކީ ޓީމުތަކުގެ އެއް ޑިވިޝަން)، ގާތްގަނޑަކަށް ނުވަ ދުވަހުގެ ތެރޭގައި ކޮންމެ ޓީމަކުން ފަސް މެޗު ކުޅޭނެއެވެ.
ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ފެންވަރުގެ ފުޓުބޯޅަ ވަސީލަތްތައް ގާއިމުވެފައިވާ ގައުމުތަކަށް މި މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭން ފީފާއިން ނިންމާފައިވާއިރު، މިއަހަރުގެ މުބާރާތް ބާއްވާ އަޒަރުބައިޖާނަކީ އަންނަ އަހަރުގެ 20އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް ހޯސްޓްކުރާ ގައުމެވެ. އެ ގައުމު މިހާރުވެސް އޮތީ މިފަދަ ބޮޑު މުބާރާތަކަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ސަސްޕެންޝަންގައި އޮތް ނޭޕާލް ފިޔަވައި އެހެން ހުރިހާ ގައުމަކުން މި މުބާރާތުގައި ވާދަކުރާނެކަމަށް ލަފާކުރެވެއެވެ. ފީފާއިން ބުނެފައި ވަނީ އެ ޖަމްއިއްޔާއިން ނިންމާފައި ވަނީ 2028ވަނަ އަހަރަށްފަހު އަންހެން އަދި ފިރިހެން މުބާރާތް އެއް އަހަރެއްގައި ބޭއްވުމަށެވެ. އަދި އެ ހިސާބުން މުބާރާތުގައި ބައިވެރިވެވޭނީ ދައުވަތު ދެވޭ ގައުމުތަކަށް އެކަނި ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.