ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައުމީ ވޮލީ ލީގުގައި ސީދާ ތިން ސެޓުން އެމްޓީސީސީ ބަލިކޮށް އެޗްޑީސީން ކާމިޔާބު ފެށުމެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި، ކުލަބް އެމްޓީސީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި، ކުލަބް އެޗްޑީސީން މުބާރާތުގެ ފެށުން ވަރަށް ފުރިހަމައަށް ގާއިމުކޮށްފިއެވެ.

މި މެޗުގެ ސެޓުތައް އެޗްޑީސީން ކާމިޔާބުކުރީ 25-21، 25-18އަދި 25-23ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓުގައި އެޗްޑީސީން ލީޑު ނަގާފައި ވަނިކޮށް، އެމްޓީސީސީން ކުޅުން ރަނގަޅުކޮށް އެއް ޕޮއިންޓުގެ ލީޑެއްވެސް ނެގިއެވެ. ނަމަވެސް އެޗްޑީސީން ވަނީ ހިތްވަރާއެކު ކުޅެ، އަލުން މެޗުގެ ކޮންޓްރޯލް ހޯދައި ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ މެދުތެރެއިން އެޗްޑީސީން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އޭގެ ފަހުން އެމްޓީސީސީއަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

ފަހު ސެޓުގައި ދެ ޓީމުންވެސް މޮޅެތި ބްލޮކްތަކަކާއި ވަރުގަދަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސެޓުގެ މެދަކާ ހިސާބުން އެޗްޑީސީގެ ތަޖުރިބާއާއެކު އެ ޓީމުން ވަނީ މެޗު ޑޮމިނޭޓްކުރަން ފަށާފައެވެ. މުބާރާތުގައި އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗާ އަޅާބަލާއިރު، މި މެޗުގައި އެ ޓީމު ގުޅިގެން ކުޅުނުތަން ފެނުނުއިރު ބްލޮކަރުންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް ޖެހިޖެހިގެން ދެ މެޗުން ބަލިވުމުގެ ސަބަބުން، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދިއުމަށް އެމްޓީސީސީއަށް މިވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. 

މި މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރާ މެޗެވެ. ވޮލީ ލީގުގެ މެޗުތައް ބަލާލުމަށް ޒުވާނުންގެ މަރުކަޒަށް ވަދެވޭނީ 30ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އަދި ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް 25ރުފިޔާއަށް މެޗުތައް ލައިވްކޮށް ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު