ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްގެންދާ އެސޯސިއޭޝަން ކަޕްގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން ކުލަބް އެޗްޑީސީއާއި ޕޮލިސް ކުލަބް މުހިންމު މޮޅެއް ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ހުކުރު ދުވަހުގެ ރޭގެ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބާ ވާދަކޮށް އެޗްޑީސީން ކުރިހޯދީ ފުރަތަމަ ދެ ސެޓު ގެއްލިފައި ވަނިކޮށް، ފަހަތުން އަރައި ޖެހިޖެހިގެން ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ދެ ސެޓު 25-20އަދި 25-22އިން ލަޔަންސް ކާމިޔާބުކޮށްފައިވަނިކޮށް، އެޗްޑީސީން މެޗުގެ އޮއިވަރު ބަދަލުކޮށްލީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ މޮޅު ކުޅުމާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ފަހު ތިން ސެޓު އެ ޓީމުން ވަނީ 25-17، 25-17އަދި 15-07އިން ކާމިޔާބުކޮށް، މުބާރާތުގައި ވިދިވިދިގެން ދެވަނަ މޮޅު ކަށަވަރުކޮށްފައެވެ.
މީގެ އިތުރުން، ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކުލަބުން ވަނީ ސީދާ ތިން ސެޓުން ކުރިހޯދައި މުބާރާތުގެ ފުރަތަމަ ކާމިޔާބީ ހޯދައިފައެވެ. މި މެޗުގެ ސެޓުތައް ފުލުހުންގެ ޓީމުން ގެންދިޔައީ 25-16، 25-16އަދި 25-21ގެ ނަތީޖާއަކުންނެވެ.
ޖުމްލަ އަށް ޓީމަކާއެކު ކުރިއަށްދާ މި މުބާރާތް ބަހާލެވިފައި ވަނީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި އެޗްޑީސީ، ޕޮލިސް، ލަޔަންސް އަދި ޔުނައިޓެޑް ހެންވޭރިއަންސް ހިމެނޭއިރު، ގްރޫޕް ބީގައި ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބް، ދަނޑިމަގު ރެކްރިއޭޝަން، އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކުލަބެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.