ޖަރުމަނުގެ މަޝްހޫރު ފުޓުބޯޅަ ކްލަބް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިންގްލެންޑުގެ ތަރި ހެރީ ކޭންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އިތުރު ދެ އަހަރު ދުވަހަށް އެ ކްލަބުގައި މަޑުކުރުމަށްޓަކައި އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން އޭނާ ނިންމައިފިއެވެ.
މިހާރު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2027ވަނަ އަހަރަށް ހަމަވާއިރު، އަލަށް ހަދާ އެއްބަސްވުމުގެ ދަށުން 2029ވަނަ އަހަރުގެ ނިޔަލަށް އުމުރުން 33އަހަރުގެ ފޯވާޑް އެ ޓީމުން ފެންނާނެކަމަށް ވަނީ ޔަގީންވެފައެވެ. ކޮންޓްރެކްޓް ހަމަވުމުން އޭނާ އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވެދާނެކަމަށް މީޑިއާތަކުގައި އަޑުފެތުރިފައި އޮތް ނަމަވެސް، ކްލަބާއެކު އެއްބަސްވުން އައުކުރަން ނިންމި މި ނިންމުމާއެކު އެ އަޑުތަކަށް ވަނީ ނިމުން އައިސްފައެވެ.
މީގެ ކުރިން 2023ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕަރ ދޫކޮށް ބަޔާނާ ގުޅުނު ފަހުން ކޭން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން، މިހާތަނަށް އެ ކްލަބަށް ކުޅެދިން 156މެޗުގައި 154ލަނޑު ކާމިޔާބުކޮށްދީ، ވިދިވިދިގެން ދެ ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓު އޭނާ ވަނީ ހާސިލުކޮށްފައެވެ. މީގެ އިތުރުން، އެ ކްލަބާއެކު އޭނާ ވަނީ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދުމުގެ އިތުރުން، ޖަރުމަނު ކަޕާއި ޖަރުމަނު ސުޕަރ ކަޕްވެސް ކާމިޔާބުކޮށްފައެވެ.
ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން ކޭން މީގެ ކުރިން ބުނެފައިވަނީ، ޕްރިމިއާ ލީގަށް އެނބުރި ނުދާނެކަމަށް ކަނޑައެޅިގެން ދުވަހަކުވެސް ބުނެފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް، މިވަގުތު އޭނާގެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަޔާން މިއުނިކާއެކު އިތުރު ކާމިޔާބީތައް ހޯދައި ކުރިއަށް ދިއުމަށް ކަމުގައިވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.