ޓެކްސަސްގައި ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހެރީ ކޭން ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑާ އެކު، އިންގްލެންޑުން 4-2ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް ކާމިޔާބުކަމާއެކު މުބާރާތް ފަށައިފިއެވެ.
ކްރޮއޭޝިއާއިން ކުޅުން ރަނގަޅުކޮށް 2-2 އިން އެއްވަރުކޮށްފައި ވަނިކޮށް، ދެވަނަ ހާފު ފެށުނުތަނާހެން ޖޫޑް ބެލިންހަމް ޖެހި ލަނޑާއި، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔާ މާކަސް ރަޝްފޯޑް ވައްދާލި ލަނޑާ އެކު ތޯމަސް ޓުޗެލްގެ ޓީމަށް މޮޅަކާ އެކު ފެށުން ކަށަވަރުކޮށްދިނެވެ.
ލަނޑު ޖެހުމުގައި މޮޅު ކޭން ފުރަތަމަ ހާފުގައި ދެ ފަހަރު އިންގްލެންޑަށް ކުރިހޯދައިދިނެވެ. މީގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީއެކެވެ. ނަމަވެސް 2018ވަނަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާގެ މާޓިން ބަޓުރީނާއާއި ޕެޓާ މޫސާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެ ޓީމުގެ ވެސް ފަހަތް ބަލިކޮށް ފެނުނު މި މެޗުގެ ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ފެންނާނެ ކަމަށް ބެލެވުނުއިރު، 70،000 ސަޕޯޓަރުންގެ ކުރިމަތީގައި އިންގްލެންޑަށް އަލުން ކުރިހޯދައިދިނުމަށް ބެލިންހަމްއަށް ބޭނުންވީ އެންމެ ދެ މިނެޓެވެ.
އޭގެ ފަހުން ލީޑު ފުޅާކުރުމަށް އިންގްލެންޑަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ރަޝްފޯޑް ލަނޑު ޖެހުމާ ހަމައަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި މެޗަކީ 2018ވަނަ އަހަރުގެ ސެމީ ފައިނަލްގެ ތަކުރާރުވުމެކެވެ. އެ ފަހަރު އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ މޮޅުވީ 2-1އިންނެވެ. ނަމަވެސް އޭގެ ފަހުން އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގެ އެންމެ ދުވަސްވީ އެއް ސްކޮޑާ ދެކޮޅަށް އިންގްލެންޑުން ވަނީ ރަނގަޅު ރެކޯޑެއް ދަމަހައްޓާފައެވެ.
1966ވަނަ އަހަރުގެ ފަހުން އިންގްލެންޑަށް ފުރަތަމަ ބޮޑު މުބާރާތެއްގެ ތަށި ހޯދައިދިނުމަށް އަމާޒު ހިފާފައިވާ ތޯމަސް ޓުޗެލްގެ ޓީމުން މެޗު ފެށީ، ޑެލަސް ކައުބޯއީސްގެ އެއާކޮންޑިޝަން ކުރެވިފައިވާ ހިތްގައިމު ސްޓޭޑިއަމް ފުރާލާފައި އޮތް ސަޕޯޓަރުންގެ ކުރިމަތީގައި ކޮންމެވެސް ވަރެއްގެ ހާސްކަމަކާއެކުގައެވެ.
އޭގެ ފަހުން މެޗުގެ ފޯރިގަދަވިއެވެ. ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އޭރިއާ ތެރެއިން ނޯނީ މަޑުއޭކޭއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ދިނެވެ.
ކޭން ފޮނުވާލި ބަލިކަށި ޕެނަލްޓީ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރި ނަމަވެސް، ވީޑިއޯ ރިޕްލޭއިން ކީޕަރު ރައިނުން ކުރިއަށް ނިކުމެފައި ހުރިކަން އެނގުމުން ފްރާންސްގެ ރެފްރީ ކްލެމެންޓް ޓާޕިން ވަނީ އަލުން ޕެނަލްޓީ ޖެހުމަށް އަންގާފައެވެ.
ޓާޕިންއަކީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ޓުޗެލް ދަނޑުން ފޮނުވާލި ރެފްރީއަކަށް ވުމުން، މި މެޗަށް އޭނާ ހަމަޖެއްސުމުން އިނގިރޭސި މީޑިއާތަކުން މި ހަފުތާގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.