ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕްގެ ތިންވަނަ އިންގްލެންޑުން ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޮވުމަށް ފްރާންސާއި އިންގްލެންޑް ބައްދަލުކުރި ފޯރިގަދަ މެޗުގައި ޖުމްލަ 10ލަނޑު ފެނިގެންގޮސްފައިވާއިރު، މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ އިންގްލެންޑުން ހޯދައިފިއެވެ.

މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އަދި ޖޫޑް ބެލިންހަމް ނުލައި ފުރަތަމަ އެގާރައިގައި އިންގްލެންޑުން ނުކުތް ނަމަވެސް، ފުރަތަމަ ހާފުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ހަތަރު ގޯލުގެ ލީޑެއް ނަގާފައެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑެކްލަން ރައިސް މެޗުގެ ތިންވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، 18ވަނަ މިނެޓުގައި އޭނާ ނަގައިދިން ކޯނަރަކުން އެޒްރީ ކޮންސާ ވަނީ ބޮލުން ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން 37ވަނަ މިނެޓުގައި ބުކާޔޯ ސަކާ ލަނޑެއް ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ފްރާންސް ސިއްސުވާލާފައެވެ. މިއީ ވޯލްޑް ކަޕް މެޗެއްގެ އެއް ހާފުގައި ފްރާންސް ކޮޅަށް ތިން ލަނޑަށް ވުރެ ގިނައިން ވަން ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފު ފަށައިގެން 26މިނެޓުގެ ތެރޭގައި ފްރާންސުން ވަނީ ތިން ލަނޑު ޖަހައި ނަތީޖާ އަނބުރާލުމުގެ އުންމީދު އާކޮށްފައެވެ. މައިކަލް އޮލީސޭ ދިން ޕާހަކުން ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ ފަސް މިނެޓު ފަހުން އެމްބާޕޭގެ އެހީތެރިކަމާ އެކު ބްރެޑްލީ ބާކޯލާ ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ފްރާންސްގެ ތިންވަނަ ލަނޑު ޖެހިއިރު، މިއީ އޭނާ ވޯލްޑް ކަޕްގައި ޖެހި 22ވަނަ ގޯލެވެ. 22މެޗުން މި އަދަދަށް ގޯލު ޖަހައިގެން އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ހަމައެހެންމެ، މި މެޗުގައި ދެ އެސިސްޓް ހެދި އޮލީސޭ ވަނީ މުބާރާތުގައި ޖުމްލަ ހަތް އެސިސްޓާ އެކު، ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރެކޯޑާ ހަމަކޮށްފައެވެ. 

މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް ފްރާންސުން މަސައްކަތްކުރި ނަމަވެސް، 87ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސަކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޑީނިއޭ، ސްޕެންސްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ފްރާންސަށް ހަތަރުވަނަ ލަނޑު ޖަހައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެލިންހަމް ވަނީ އިންގްލެންޑުގެ ހަވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ޔަގީންކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު