ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކުރީގެ ފޯމަށް މާޒިޔާ އެނބުރި އައިއިރު ނިއު ރޭޑިއަންޓަށް މާޔޫސްކަން!

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެއެވެ. 

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މާޒިޔާއަށް ޕޮއިންޓް ގެއްލިފައިވާއިރު، އެ ޓީމު ވަނީ ނިއު ރޭޑިއަންޓް އަތުން ބަލިވެ، ވިކްޓަރީއާ އެއްވަރުވެފައެވެ.

އިއްޔެގެ މެޗުގައި މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ 34ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އެވެ. ފުރަތަމަ ހާފު 1-0އިން މާޒިޔާ ކުރީގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 70ވަނަ މިނެޓުގައި ނެމާންޏާ ޒްދްރާވްކޮވިޗް ޖަހައިދިންއިރު، ތިންވަނަ ލަނޑު 79ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބެންޖަމިން ތޯމަސް ކުކޫ އެވެ. މި މޮޅާއެކު މާޒިޔާއިން ވަނީ އަލުން ތާވަލުގެ ކުރީގައި ހަމަޖެހުން ހޯދައިފައެވެ.

އަނެއްކޮޅުން، އެންމެ ފަހުގެ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މާޒިޔާ ބަލިކުރި ފަހުން ނިއު ރޭޑިއަންޓަށް އަދިވެސް މޮޅުވުމުގެ ރޭހަށް އާދެވޭ ގޮތެއް ނުވެއެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން، ދިއްދޫގައި އެ ރަށު ޓީމު އަތުން 2-2އިން އެއްވަރުވި މެޗަށްފަހު، ގައުމީ ދަނޑުގައި ރޭ އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފެށުނު ގޮތަށް އަހުޒަމް ރަޝީދު ޖެހި ގޯލުން އޮޑި ސްޕޯޓްސްއިން ލީޑު ނެގި ނަމަވެސް، ދެ މިނެޓެއްހާއިރު ތެރޭގައި ޑޮރިއެލްޓަން ގޯމެސް (ޑޯރީ)ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 57ވަނަ މިނެޓުގައި މުޒްދާން ހަސަން އަލުން އޮޑިއަށް ލީޑު ނަގައިދިނެވެ. ނަމަވެސް މެޗުގެ 89ވަނަ މިނެޓުގައި ނިއުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ކާމިޔާބުކުރި ލަނޑާއެކު ނިއު ވަނީ ބަލިވުމުން ސަލާމަތްވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު