ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 3-0އިން ބަލިކުރުމަށް ފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތާވަލުގެ ގަދަ ތިނެއްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ މާޒިޔާއަށް، މި ކާމިޔާބީއާ އެކު ޖުމްލަ ހަތް ޕޮއިންޓް ލިބިފައިވެއެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު، މި ނަތީޖާގެ ސަބަބުން ވަގުތީގޮތުން ތިންވަނަ މަޤާމު ވަނީ ކަށަވަރުވެފައެވެ. އަނެއްކޮޅުން، މި މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޓީސީއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެހެންކަމުން އެ ކްލަބް މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައިގެން މާޒިޔާއިން ކުޅެމުންދިޔައިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)އެވެ. ލޫތު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއްގެ ބޭނުން ހިފައިގެން އިއްބެ ވަނީ ވަރަށް ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މާޒިޔާއިން ލީޑު އިތުރަށް ފުޅާކުރީ ދެވަނަ ހާފުގައެވެ. އައިސަމް ނަގައިދިން ކޯނަރެއްގެ އެހީގައި ޑިފެންޑަރު ނެމަންޏާ ދެވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފަހުން ކުޅެން އެރި ފޯވާޑް ކުކޫއެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމަށް ނުކުތް މިޑްފީލްޑަރު ނިކޮލާ ތަނަވަސްކޮށްދިން ފުރުޞަތަކުން ކުކޫ ޖެހި މޮޅު ގޯލެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.