ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިކްޓްރީއާއި މާޒިޔާ އެއްވަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފޯރިގަދަ މެޗެއްގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ކުރި ނުހޯދުނު ނަމަވެސް، ފަހު ވަގުތު ޖެހި ލަނޑާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން 2-2ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް މުހިންމު ޕޮއިންޓެއް ކަށަވަރުކޮށްފިއެވެ.

މި ނަތީޖާއާ އެކު ވިކްޓްރީން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް، ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް އޮތުން ދަމަހައްޓާފައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ދެވަނައިގައި އޮތްއިރު، މާޒިޔާ އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމުގައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވިކްޓްރީންނެވެ. މެޗުގެ 28ވަނަ މިނެޓުގައި ލިބުނު ކޯނަރެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ފުރްގަތޯން ހަސަންބޮއޭވްއެވެ.

ވިކްޓްރީގެ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފަށް މާޒިޔާއިން ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 11ވަނަ މިނެޓުގައި މާޒިޔާގެ ޒުވާން ކުޅުންތެރިޔާ ލޫތު އިބްރާހީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ 82ވަނަ މިނެޓުގައި ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު އައިހަމް ވައްދާލި ލަނޑާ އެކު މާޒިޔާއިން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ.

މާޒިޔާއިން ލީޑު ހިފަހައްޓައިގެން މޮޅުވާން ދަނިކޮށް، ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 86ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް އަލްހާޖީ ޖެރޯއެވެ. މި ލަނޑާއެކު ދެ ޓީމަށްވެސް ވަނީ ޕޮއިންޓެއް ލިބިގެން މެޗު ނިމިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު