ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސިކޭރާ ބާބޯސާއަށް ހަމަލާދިން މައްސަލައިގައި، މާޒިޔާގެ އެސިސްޓެންޓް ކޯޗު އަޙްމަދު ސުޒެއިރާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ ކިބައިން ނިއުއިން އެދިއްޖެއެވެ.
ނިއުރޭޑިއަންޓުން އާންމުކުރި ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، ފުޓުބޯޅައިގެ ރޫހާ ޚިލާފަށް ހިންގި މި ދަށުދަރަޖައިގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސުޒެއިރު ދިން ހަމަލާގެ ސަބަބުން ލޫސިއާނޯއަށް އަނިޔާވެފައިވާއިރު، ކުޅިވަރުގެ ތެރޭގައި މާރާމާރީ ހިންގުމަކީ ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކާއެއްކަން ފާހަގަކޮށް، މިފަދަ ކަންކަމަށް އެއްވެސް ޖާގައެއް ދީގެން ނުވާނެކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.
މި މެޗުގައި ދެ ޓީމުގެ ދެމެދުގައި މަސްރަޙު ގޯސްވެގެންދިޔައީ ކުޅުމުގެ 68ވަނަ މިނެޓުގައެވެ. ނިއުގެ އިބްރާޙީމް މައިސާން، މާޒިޔާގެ އަބްދުﷲ ލޫތަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ކަށިގަނޑު ފުމެފައި ވަނިކޮށް، ނިއުގެ އަބްދުﷲ ބިލިޓީ ޖެހި ބޯޅައެއް ލޫތުގެ ގައިގައި އަމާޒުވުމުން ދެ ކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އެއާއެކު ނިއުގެ އީތަން އިބްރާޙީމް ޒަކީ، ލޫތު ކޮށްޕާލުމުން މާޒިޔާގެ ޙަސަން ޝިފާޒްގެ އިތުރުން ދެ ޓީމުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އެއްތަނަކަށް އެއްވެ ހަމަނުޖެހުން ހިންގާފައެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް، މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ސާފުކޮށް ފެންނަ ގޮތުގައި، މި ހަމަނުޖެހުމުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ވަނީ ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނުމަތީގައި ޖަހާފައެވެ.
ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި ފޯރިގަދަ މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު 10މިނެޓުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނިއުއަށް މި މުހިންމު މޮޅު ކަށަވަރުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ޑޮރިއެލްޓަން ގޮމޭޒް ނަސިމެންޓޯ (ޑޯރީ)އެވެ.
މިއީ ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ފެށި ފަހުން މާޒިޔާގެ މައްޗަށް ނިއުއިން ކުރިހޯދި ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި މި ދެ ޓީމު ހަތަރު ފަހަރަށް ބައްދަލުކޮށްފައިވާއިރު، މާޒިޔާ ދެ މެޗުން މޮޅުވެ، އަދި އެއް މެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.