ދިވެހި ޕްރިމިއަރ ލީގުން އަލަށް ޖާގަ ކަށަވަރުކުރި ހއ. ދިއްދޫ އަދި ގދ. ގައްދޫގެ ފުޓްބޯޅަ ޓީމަށް، އެފްއޭއެމްގެ ނިންމުންތަކުގައި ބަސްބުނުމުގެ ހައްގާ އެކު އެ އިދާރާގެ ފުރިހަމަ މެންބަރުކަން ދިނުމަށް މިރޭ ހ. މީރުމާ އިވެންޓް ހޯލުގައި ބާއްވާ ޚާއްޞަ ކޮންގްރެސްގައި ނިންމަން ހަމަޖެހިއްޖެއެވެ.
މިރޭ 20:45ގައި ފަށާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މި ދެ ޓީމަށް މެންބަރުކަން ރަސްމީކޮށް އެރުވުމާ އެކު، އެ އެސޯސިއޭޝަނުގެ އެކިއެކި ކަންކަމުގައި ވޯޓުލުމުގެ ބާރު އެ ކްލަބްތަކަށް ލިބިގެންދާނެއެވެ. ފުރަތަމަ ޑިވިޝަނަށް މި ފަހަރު ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބަކީ ދެވަނަ ޑިވިޝަނުގައި ކުޅުނުއިރު ވެސް އެފްއޭއެމްގެ މެންބަރެކެވެ. މި ވަގުތު އެފްއޭއެމްގެ މެންބަރުންގެ ގޮތުގައި ތިބީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާއި ދެވަނަ ޑިވިޝަނަށް ނިސްބަތްވާ ތޭރަ ކްލަބެކެވެ.
ދިއްދުއަށް މެންބަރުކަން ލިބޭއިރު، އެ ރަށަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން ނޯތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ގާއިމުކުރުމަށް ކަނޑައަޅާފައިވާ މައި މަރުކަޒެވެ. މީގެ އިތުރުން ސެންޓްރަލް ރީޖަންގެ އޮފީސް އދ. މަހިބަދޫގައި، ސައުތު ރީޖަންގެ އޮފީސް ލ. ގަމުގައި އަދި މާލެ ރީޖަންގެ އޮފީސް މާލޭގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ކްލަބްތަކަށް މެންބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ މުހިންމު ކޮމިޓީތަކަށް ބޭފުޅުން އައްޔަންކުރުން ވެސް މިރޭގެ ކޮންގްރެސްގައި ކުރިއަށްދާނެއެވެ. މި މަގާމުތަކަށް ބޭފުޅުން އައްޔަންކުރަނީ، ފާއިތުވި ޖުލައި މަހު ބޭއްވި ކޮންގްރެސްއިން ދީފައިވާ ތިން މަހުގެ މުހުލަތު މި މަހުގެ 25ވަނަ ދުވަހަށް ހަމަވާތީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.