ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ އުތުރުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމިއްލަ ރަށުގައި ކުޅޭ ތާރީޚީ މެޗަށް ހއ. ދިއްދޫ ވަރަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
މި މެޗުގައި ވާދަކުރުމަށް ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ދިއްދުއަށް ދިއުމާ އެކު، އެ ރަށުގެ ރައްޔިތުން ވަނީ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މެޗަށް ތައްޔާރުވުމުގެ ގޮތުން ދިއްދޫގެ ފުޓުބޯޅަ ދަނޑު މަރާމާތުކޮށްފައިވާއިރު، ރަށުގެ މަގުތަކާއި ބަނދަރުމަތި ވަނީ ގިޑިގެތަކާއި ދިދަތަކުން އަދި ބެނާތަކުން ޒީނަތްތެރިކޮށްފައެވެ. އަދި މެހެމާނުންނަށް މަރުހަބާ ކިޔުމަށް ތަފާތު ސަގާފީ ހަރަކާތްތައް ވެސް ވަނީ ރާވާފައެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ސިފަކުރެއްވި ގޮތުގައި، މިއީ މުޅި އަތޮޅަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ ދިއްދުއަށް އައިސްފައިވާ ކުޅިވަރުގެ އީދެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ތައްޔާރީތަކުގައި އަތޮޅުގެ އެހެން ރަށްތަކުގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން ގެނައި ބަދަލާއެކު އަތޮޅުތެރެއަށް ލީގު ފުޅާވުމަކީ ފުޓުބޯޅައަށް ލޯބިކުރާ ރަށްރަށަށް ލިބުނު އާ ދިރުމެއްކަމަށް ވިދާޅުވެ، ސަރުކާރަށާއި އެފްއޭއެމްއަށް އުސްމާން ޝުކުރު އަދާކުރެއްވިއެވެ.
މިއަހަރުގެ ޕްރިމިއަރ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާއިރު، ދިއްދޫ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ކޮލިފައިން ބުރުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހުގައެވެ. މާލޭގެ ގައުމީ ދަނޑުގައި ދިއްދޫން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ. އަނެއް ދެ މެޗުން ބަލިވީ ވަރަށް ހަނި ތަފާތަކުންނެވެ.
ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، ފުރަތަމަ ބުރުގައި މި މަހުގެ 16ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް އަދި 20ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް ދިއްދޫން އަމިއްލަ ރަށުގައި ނުކުންނާނެއެވެ. މި މެޗުތައް ބަލާލައި ޓީމަށް ސަޕޯޓުކުރުމަށް ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ. ދިއްދޫގެ އިތުރުން ދެން އަތޮޅުތެރޭގައި ޕްރިމިއަރ ލީގުގެ މެޗުތައް ހޯސްޓްކުރަނީ ގދ. ގައްދޫގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.