ދިވެހި ޕްރިމިއަރ ލީގުގެ ތާރީޚުގައި ރާއްޖޭގެ އުތުރުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ހއ. ދިއްދޫ ދަނޑުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި، 2-2ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ދިއްދޫއިން ލީގުގެ މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.
މި މެޗުގެ ފުރަތަމަ ކޮޅުގައި ދިއްދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 10ވަނަ މިނެޓުގައި އުފާލް ޢަބްދުﷲ އެ ޓީމަށް ކުރިހޯދައިދިންއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ބިދޭސީ ކުޅުންތެރިޔާ ޓެޓޭ ގިޑެއޯން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފައެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)ނިއު ރޭޑިއަންޓަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދު އާކޮށްދިނެވެ. މެޗުން ދިއްދޫ މޮޅުވާން ދަނިކޮށް، ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި މުޙައްމަދު ނާއިމް ޖަހައިދިން ލަނޑުންނެވެ.
މި ނަތީޖާއާ އެކު، ތާވަލުގެ ކުރިއަށް އެރުމަށް ނިއު ރޭޑިއަންޓަށް އޮތް ފުރުސަތު ވަނީ ބަންދުވެފައެވެ. ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުޅުނު މެޗުވެސް އެއްވަރުވެފައިވާއިރު، ވިކްޓަރީއާއި ނިއު ރޭޑިއަންޓަށްވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ދިއްދޫ މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.
އަތޮޅުތެރޭގައި ޕްރިމިއަރ ލީގުގެ ފޯރިގަދަ މެޗެއް ފުރަތަމަ ފަހަރަށް ކުޅެވުނުއިރު، މި މެޗު ޝަރަފުވެރިކޮށްދެއްވުމަށް ޚާއްސަ މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދު، އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު (ޓޮމް)ގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ކުރީގެ ތަރިން ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.