ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާރީޚުގައި މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ގދ. ގައްދޫގެ އަމިއްލަ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެ 2-0ގެ ނަތީޖާއަކުން ކުރިހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މި ތާރީޚީ ކުރިމަތިލުމުގައި ނިއު ރޭޑިއަންޓަށް ފައިދާނެގުނީ ފުރަތަމަ ހާފުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯ (ޑޯރީ)ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނުވަވަނަ މިނެޓުގައި ޑޯރީ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭނާ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.
ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ އެކު، މިއީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތެރޭގައި ލީގު މެޗެއް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި އުތުރުގެ ޗެމްޕިއަން ހއ. ދިއްދޫ އަދި ދެކުނުގެ ޗެމްޕިއަން ގައްދޫއިން އެ ރަށްރަށުގެ ދަނޑުތަކުގައި ލީގުގެ ބައެއް މެޗުތައް ހޯސްޓްކުރާނެއެވެ.
ގައްދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އަސްލު ތާވަލުކޮށްފައި އޮތީ އިއްޔެ ހަވީރަށް ނަމަވެސް، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުން ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން ކުޅެވޭފަދަ ހާލަތެއް ނެތުމުން މެޗު މިއަދަށް ފަސްކުރަން ޖެހުނީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.