ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގައްދޫ ބަލިކޮށް ޓީސީއަށް ތިން ޕޮއިންޓް

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އަލަށް ޕްރޮމޯޓުވި ގދ. ގައްދޫގެ މައްޗަށް 4-2ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޓީސީ ސްޕޯޓްސް ކުލަބުން މި ސީޒަނުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ފުރަތަމަ 21މިނެޓު ތެރޭގައި ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. މިގޮތުން، މިސްރުގެ ކުޅުންތެރިޔާ މަޙްމޫދު އަޝްރަފް މަޙްމޫދު މުސްތަފާ މެޗުގެ 8ވަނަ މިނެޓުގައާއި 12ވަނަ މިނެޓުގައި ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، ޓީސީގެ ތިންވަނަ ލަނޑަކީ ބްރެޒިލްގެ ހޯސޭ މެގްސަން ބެޒެރާ ޑުރާޑޯ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު އިތުރު ވަގުތުގައި ސާބިއާގެ އުރޯސް ޖެމޮވިޗް ވަނީ ގައްދޫއަށް ލަނޑެއް ޖަހައިދީ، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ދެވަނަ ހާފުގައި ގައްދޫ ޓީމުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85ވަނަ މިނެޓުގައި އެމަނުއަލް އޮލުބެންގާ މަކިންޑޭ ވަނީ އިތުރު ލަނޑެއް ޖަހައި މެޗު އިތުރަށް ފޯރިގަދަކޮށްފައެވެ. އެހެންނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ މާއިޒް ވަހީދު ކާމިޔާބުކުރި ލަނޑާއެކު، އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްކޮށް އެމީހުންގެ ކޮޅަށް އަނބުރާލާފައެވެ.

މިއީ މިއަހަރުގެ ލީގުގައި ޓީސީއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން 5-1އިން ބަލިވެފައެވެ. އަނެއްކޮޅުން ގައްދޫއަށް މިއީ ވިދިވިދިގެން ކުރިމަތިވި ދެވަނަ ނާކާމިޔާބީއެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ވަނީ 2-0އިން ބަލިވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި މެޗުތައް ކުޅެން ފެށިފަހުން، މިއީ ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ޕްރިމިއަރ ލީގުގެ ދެވަނަ މެޗެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު