ދިވެހި ޕްރިމިއަރ ލީގުގައި ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، އައު ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ނުކުތް އޮޑި ސްޕޯޓްސް ކުލަބުން 4-0ގެ ނަތީޖާއަކުން ގދ. ގައްދޫ ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މެޗުގެ ކޮންޓްރޯލް ނަގައިގެން އޮޑި ސްޕޯޓްސް އިން ކުޅުނުއިރު، ފުރަތަމަ ހާފުގައި އެކަނި ވެސް އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އަހުޒަމް ރަޝީދު ނަގައިދިން ކޯނަރަކުން ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ހަތް މިނެޓު ފަހުން އަހުޒަމް ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. އަދި 35ވަނަ މިނެޓުގައި މުޒްދާން ހަސަން ތަނަވަސްކޮށްދިން ފުރުސަތަކުން ތިންވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ)އެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސާބިއާގެ ފޯވާޑް ޓޮމިސްލާވް ޓޮޑޮރޯވިޗް ވަނީ މެޗު ނިމުމުގެ ކުރިން އޮޑީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މޮޅާ އެކު އޮޑި ސްޕޯޓްސްއަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބި، ފައިދާ ގޯލުގެ ތަފާތުން ލީގުގެ އެންމެ ކުރި ލިބިފައެވެ. ނަމަވެސް، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ތިން ޓީމުން އަދި ކުޅެފައިވަނީ ދެ މެޗެވެ. އަނެއްކޮޅުން، މުޙައްމަދު ނަޒީހު ކޯޗުކޮށްދޭ ގައްދޫ ޓީމު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެވެ.
އޮޑި ސްޕޯޓްސްގެ ކޯޗުކަމާ ތެއިލާ ހަވާލުވީ، ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އާޖެންޓީނާއާއި ކްރޮއޭޝިއާގެ ރައްޔިތުކަން އޮންނަ އުމުރުން 45އަހަރުގެ ތެއިލާއަކީ ޔުއެފާއާއި ކޮންމެބޯލްގެ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ، އަދި 2008ވަނަ އަހަރު ވިކްޓަރީއަށް ކުޅެފައިވާ ތަޖުރިބާކާރު ފަރާތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.