ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނިއު މެޗަށް ފުޓުބޯޅައިގެ ޝަރަފުވެރިން ދިއްދުއަށް

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫގައި ކުޅޭ ފުރަތަމަ މެޗުގައި އެ ރަށު ޓީމާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީހީ މެޗު ބައްލަވާލެއްވުމަށް، ދިވެހި ފުޓްބޯޅައިގެ ހާއްސަ ޝަރަފްވެރިންތަކެއް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ސީޒަނުން ފެށިގެން ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ ލީގުގައި، މާލޭގެ އުތުރުގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ސްޓޭޑިއަމްގައެވެ.

ދިއްދޫ ސްޕޯޓްސްގެ ދައުވަތަކަށް އެ ރަށަށް ވަޑައިގަންނަވާ މި ދަތުރުގެ ޝަރަފްވެރި މެހެމާނަކީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަން އިބްރާހީމް އިސްމާއީލާއި، ނިއުގެ ރަން ޒަމާނުގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދުގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ތަރިން ކަމަށްވާ މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ)އާއި އަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ)އާއި މައުރޫފް އަހުމަދު (މާއްޓޭ)އަދި ކުރީގެ ކޯޗު އަލީ ސުޒޭން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ނިއު ރޭޑިއަންޓުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅުންނެވެ.

މި މެޗާ ގުޅިގެން ދިއްދޫގައި އޮތް ފޯރި ވަރަށް ގަދަވެފައިވާއިރު، ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު ވިދާޅުވީ މިއީ އެ ރަށުގެ ތާރީހުގައި ކުޅޭނެ އެންމެ ބޮޑު މެޗު ކަމަށެވެ. މެޗަށް މުޅި ރަށް ޒީނަތްތެރިކޮށް، ދިދަޖަހައި ގިޑިގެތައް ހަދާފައިވާއިރު، ރަށުގެ ރައްޔިތުން ސިފަކުރަނީ މިއީ އެ ރަށަށް އައިސްގެން އުޅޭ އީދެއްގެ ގޮތުގައެވެ. މެޗު ކުޅުމަށް ނިއުގެ ޓީމު ރޭ އެ ރަށަށް ދިއުމުން ބަނދަރުމަތިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ގިނަ ބަޔަކު ވަނީ ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާއެކު ފޮޓޯ ނަގާފައެވެ. މޫސަ ވިދާޅުވި ގޮތުގައި ބޮޑުތިލަދުންމަތީގެ އެހެން ރަށްރަށުން ވެސް ގިނަ ބަޔަކު ދިއްދޫ ޓީމަށް ސަޕޯޓްކުރަން އެ ރަށަށް އަންނާނެއެވެ.

ދިއްދޫގައި ކުޅިވަރުގެ ކަންކަން ކުރިއަށްގެންދިއުމުގައި އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ)އިސްކޮށް އުޅުއްވާއިރު، ބިދޭސީ ކުޅުންތެރިންނާއެކު ދިއްދޫ ޓީމު އޮތީ ވަރަށް ވަރުގަދަކޮށެވެ. ގައުމީ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިއްދޫން ލީގުގައި ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބުނެފައެވެ. ލީގުގައި ދިއްދޫ ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް އަތުން 1-0އިން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ބިސް ބުރު އަތުން ވަނީ 1-0އިން ބަލިވެފައެވެ.

އިދިކޮޅުން ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ގދ. ގައްދޫގައި އެ ރަށު ޓީމު އަތުން 2-0އިން މޮޅުވިއިރު، ދެވަނަ މެޗުގައި މާލޭގައި މާޒިޔާ އަތުން ވަނީ 3-2އިން މޮޅުވެފައެވެ. މި ސީޒަނުގެ ލީގު މެޗުތައް ކުރިއަށްދަނީ މާލޭގެ އިތުރުން ދިއްދޫ އާއި ގދ. ގައްދޫގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު