ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަހު ވަގުތު ޖެހި ގޯލުން މާޒިޔާ ނިއު އަތްދަށުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ)ކާމިޔާބުކުރި ލަނޑާ އެކު 3-2އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އެ ޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ތާރީޚީ ރެކޯޑު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނިމުމަކަށް ގެނެސްފިއެވެ.

މެދުކެނޑުމެއް ނެތި ފަސް ފަހަރަށް ލީގު ތަށި އުފުލާލާފައިވާ މާޒިޔާ، ލީގު މެޗަކުން އެންމެ ފަހުން ބަލިވުމުގެ ހިތްދަތިކަން ތަޖުރިބާކުރީ 2022ވަނަ އަހަރުގެ އޭޕްރީލް މަހު ކްލަބް އީގަލްސްއާ ވާދަކޮށެވެ. އޭގެ ފަހުން މި ސީޒަނުގައި ވެސް ނިއުއިން ވަނީ މާޒިޔާ ބަލިކުރަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ލީގުގައި މި ދެ ޓީމު ކުރިން ކުޅުނު ތިން މެޗު ވެސް އެއްވަރުވެފައިވާއިރު، ކަޕް ވިނާސް ކަޕާއި ޗެރިޓީ ޝީލްޑް މެޗުގައި ނިއުގެ މައްޗަށް ކުރި ހޯދީ މާޒިޔާއިންނެވެ.

މެޗު ފަށައިގެން ފުރަތަމަ އެގާރަ މިނިޓުގެ ތެރޭގައި ނިއު އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް، މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 17ވަނަ މިނިޓުގައި މާޒިޔާގެ އިބްރާހިމް އައިސަމް ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދިނުމެވެ. މާޒިޔާގެ ލީޑު ފުޅާކުރަން ފުރުސަތު ނުދީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40ވަނަ މިނިޓުގައި ޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، ކުރިން މާޒިޔާއަށް ކުޅުނު ހަސަން ރާއިފް (ހަންނަ)ވަނީ ނިއު އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވެ، 61ވަނަ މިނިޓުގައި އަހުމަދު އައިހަމް (ފަތޯ)އާއި އަބްދުﷲ ލޫތު (ސާނޭ)އުފެއްދި ހަމަލާއަކުން އައިސަމް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މާޒިޔާއަށް އަލުން ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ހަ މިނިޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލީ ފާސިރު (ސެންޓޭ)ވަނީ ރީބައުންސްވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 

މެޗުގެ 73ވަނަ މިނިޓުގައި ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ކުޅުން ހަތް މިނިޓަށް މެދުކަނޑާލަން ޖެހުނުއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ)އާއި އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރުގެ އިތުރުން ނިއުގެ އަބްދުﷲ މައިސާނަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ދެ ޓީމުން ވެސް ކުޅުންތެރިން މަދުކޮށް ކުޅެމުންދިޔަ މި ފޯރިގަދަ މެޗުގެ ނަތީޖާ ނިއު ކޮޅަށް އަނބުރާލީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޑޯރީއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު