ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ޓީސީގެ ސެޓްޕީސް މައްސަލަ ހައްލުކުރުމަށް އޮތީ ވަގުތުގެ ދަތިކަން"

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދާއިރު، ދެ މެޗު ދޭތެރޭގައި ލިބޭ ތިން ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންސްގައި ހުރި ސެޓްޕީސްގެ މައްސަލަތައް ހައްލުކުރުމަކީ ބޮޑު ގޮންޖެހުމެއްކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ)ހާމަކޮށްފިއެވެ. 

މި ސީޒަނުގައި ޓީސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އިދިކޮޅު ޓީމުތަކުން ނަގާ ސެޓްޕީސްތައް ދިފާއު ނުކުރެވުމުގެ މައްސަލައެވެ. މިގޮތުން، އެންމެ ފަހުން ކްލަބް އީގަލްސްއާ ވާދަކޮށް 3-0އިން ޓީސީ ބަލިވި މެޗުގައިވެސް ވަދެފައިވާ ތިން ލަނޑަކީ ހަމަ ސެޓްޕީސްތަކުގެ ބޭނުން ހިފައިގެން އީގަލްސްއިން ޖެހި ގޯލުތަކެކެވެ. މާޒިޔާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތިފް ވަނީ، ކުރިއަށް އޮތް މެޗަށް ނުކުންނައިރު އެންމެ ބޮޑު އިސްކަމެއް ދީގެން ފަރިތަކުރަމުންދަނީ އެ ޓީމުގެ އެންމެ ބޮޑު ބަލިކަށިކަން ކަމުގައިވާ މިކަން އިސްލާހުކުރުމަށް ކަމަށް ބުނެފައެވެ.

މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ދެ ޓީމުގެ ފެންވަރުގެ ތަފާތު ބޮޑުކަމަށް އާތިފް ވަނީ އެއްބަސްވެފައެވެ. އޭނާ ބުނި ގޮތުގައި މާޒިޔާގެ ފުރަތަމަ އެގާރައިގެ އިތުރުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެންޗުގައި ތިބީ ވެސް މެޗުގެ ނަތީޖާ ކޮންމެފަދަ ވަގުތެއްގައިވެސް އަނބުރާލެވޭ ފަދަ މޮޅު ކުޅުންތެރިންނެވެ. ފާއިތުވި ސީޒަނުގައި މާޒިޔާގެ މޮޅުވުމުގެ ސިލްސިލާއަށް ޓީސީން ނިމުމެއް ގެނެސްދިން ނަމަވެސް، އެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިން މިއަދު ޓީސީގެ ސްކޮޑުގައި ނެތްކަން އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް، މި މެޗުގައި މާޒިޔާއަށް ފަސޭހަވިޔަ ނުދީ ވަރުގަދަ ވާދައެއް ކުރާނެކަމުގެ ޔަގީންކަން ކޯޗު ވަނީ ދީފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުރިމަތިލާ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގައެވެ. މި މެޗުގެ ކުޅުން ޔެސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު