ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިއްދޫ ބަލިކޮށް ވިކްޓަރީން ކުރިއަށް

ޝެއާ ކުރޭ Facebook Telegram Viber X

މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޯރިގަދަ ކުރިމަތިލުމުގައި، އުތުރުގެ ޗެމްޕިއަން ހއ. ދިއްދޫގެ މައްޗަށް 4-3ގެ ނަތީޖާއަކުން ކުރިހޯދައި، ވިކްޓަރީ ސްޕޯޓްސް ކްލަބުން މުބާރާތުގައި ޖެހިޖެހިގެން ދެވަނަ ކާމިޔާބީ ހާސިލުކޮށްފިއެވެ. 

ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 5-1އިން ބަލިކުރުމަށް ފަހު، މި ލިބުނު މޮޅާ އެކު ވިކްޓަރީން ވަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. އަނެއްކޮޅުން، މުބާރާތް ފަށަމުން ބުރު ސްޕޯޓްސްގެ މައްޗަށް 1-0އިން ކުރިހޯދި ދިއްދޫ ޓީމަށް މި މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ތައުރީފު ހައްގުކުރާ ފަދަ ހިތްވަރުގަދަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ތިން ކުއާޓަރުގައި ކުޅުން ކޮންޓްރޯލްކުރީ ވިކްޓަރީންނެވެ. އެގޮތުން 29ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ)ވަނީ ދިއްދޫގެ ގޯލްކީޕަރު މުހައްމަދު ޝިފާން ކުރިއަށް ނުކުމެ ހުރި ވަގުތު ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ލީޑު ނަގާފައެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން، 31ވަނަ މިނެޓުގައި ރިޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނާއިޒު ހަސަން (ދާދު)ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، ދިއްދޫގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރިޒޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ 3-0އަށް ބަދަލުކޮށްފައެވެ.

އެހެން ނަމަވެސް، ދެވަނަ ހާފު ފެށިގެން ދިއްދޫ ޓީމުން ވަނީ ކުޅުމުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. ވިކްޓަރީގެ ކޮލްމަޓޯވް އުގްލީގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެއްގައި ގާނާގެ ކުޅުންތެރިޔާ ޓެޓޭ ގިޑިއޯން ވަނީ ދިއްދޫއަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަހުން 64ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ޒިމްޔާން ވަނީ ވިކްޓަރީގެ ކީޕަރު އަބްދުﷲ ޔާމީންއަށް ހެދުނު ގޯހަކުން އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ދިއްދޫ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވުނީ 82ވަނަ މިނެޓުގައި ދަނޑުގެ މެދެއްހާ ހިސާބުން ޓެޓޭ ފޮނުވާލި ދުރު ރާސްތާގެ ހަމަލާއެއް ގޯލަށް ވަނުމުންނެވެ.

ފޯރިގަދަވަމުން ދިޔަ މެޗުގެ ނަތީޖާ ވިކްޓަރީ ކޮޅަށް އެނބުރުނީ ދިއްދޫން ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުންނެވެ. ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ)ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫގެ އާދަމް ނަސީމްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ވިކްޓަރީއަށް އަލުން ލީޑު ލިބުނެވެ. މެޗުގެ އިތުރު ވަގުތުގައި ދިއްދޫގެ ޓެޓޭ ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު