ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ގަލޮޅު ރަސްމީ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ ފެށުން ވަރަށް ފުރިހަމައަށް ގާއިމުކޮށްފިއެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ވިކްޓަރީން ވަނީ މެޗުގެ ފުރަތަމަ އެގާރައަށް ކުއްލި ބަދަލުތަކެއް ގެނެސްގެން ނުކުމެ، މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ވިކްޓަރީގެ ހުސެއިން ޝަރީފަށް ޓީސީގެ ނައިޖީރިއާ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އުޒްބެކިސްތާނުގެ ކުޅުންތެރިޔާ މިރްޖަލޯލް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން ޓީސީގެ އަޝްރަފް މަހްމޫދު ނަގައިދިން ކޯނަރަކުން މާޔިޒް ވަހީދު ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ކޮންޓްރޯލް އަލުން ހޯދައި، ވިކްޓަރީން ދެވަނަ ފަހަރަށް ކުރި ހޯދީ 65ވަނަ މިނެޓުގައި މިރްޖަލޯލް ކާމިޔާބުކުރި ހިލޭ ޖެހުމަކުންނެވެ. އޭގެ ފަހުން ވިކްޓަރީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ހަމަލާތަކެކެވެ. އެގޮތުން އަހުމަދު ރިޒްވާން (ރިޒޭ)ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައިފައެވެ. ފުރަތަމަ ލަނޑު ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރިއިރު، ދެވަނަ ލަނޑަކީ 85ވަނަ މިނެޓުގައި ހަސަން ނަޒީމް ގާސިމް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، އަލީ ޝާމިސް (ތޮއްޕޭ)ގެ ހުރަހަކުން ޖެރޯ ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައި ވިކްޓަރީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި އިތުރު މެޗުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާއިން ވަނީ 1-0އިން އޮޑި ސްޕޯޓްސް ބަލިކޮށްފައެވެ. މީގެ އިތުރުން މޫސުމް ގޯސްވުމުގެ ސަބަބުން، ގައްދޫގައި ކުޅުމަށް ހަމަޖެހިފައިވާ ގައްދޫ އަދި ނިއު ރޭޑިއަންޓްގެ މެޗު ވަނީ ފަސްކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.