މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެހެން ޓީމުތަކާ ޚިލާފަށް ކުރިއާލައި ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ނުލިބި މުބާރާތާ ކުރިމަތިލާން ޖެހުމަކީ އެ ޓީމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ހެޑް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ހާމަކޮށްފިއެވެ.
ލީގުގެ ކުޅުން ފެށުމުގެ ކުރިން ކަޕް ވިނާސް ކަޕްގައި ވާދަކުރާ ގަދަ ހަތަރު ކްލަބަށް ކޮމްޕެޓިޓިވް މެޗުތަކެއް ކުޅެން ލިބުމަކީ އެ ޓީމުތަކަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަން ފާހަގަކުރަމުން މޯހަން ބުނީ، އެ ފަދަ މުހިންމު ފުރުޞަތެއް ވިކްޓަރީއަށް ފަހިވެފައި ނެތުމުގެ ސަބަބުން ކުޅުންތެރިންނާއި މެނޭޖްމަންޓުން ކުރަންޖެހޭ މަސައްކަތް ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ.
މާލީ ދަތިތަކުން އަރައިގަނެ ފާއިތުވި ސީޒަނުގައިވެސް އުއްމީދީ ކުޅުމެއް ދެއްކި ވިކްޓަރީން ވަނީ މި ފަހަރުގެ ލީގަށް އަމާޒުކޮށް ޓީމުގެ ބަދަހިކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން އެކުލަވާލި އައު ސްކޮޑުގައި ޤައުމީ ފެންވަރުގެ މަޝްހޫރު ތަރިން ކަމަށްވާ އަޙްމަދު ރިޒްވާން (ރިޒޭ)، ހަމްޒާ މުޙައްމަދު (ހަމްޕު)، ޙުސައިން ސިފާޢު ޔޫސުފް (ކުރޯ)، ނާއިޒް ޙަސަން (ދާދު)އަދި ޒުވާން ހުނަރުވެރިޔާ ޙަސަން ނަޒީމް ޤާސިމް (ޗޯޓު)ގެ ނަންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.
މިވަގުތު އޮތް ޓީމުގެ ފެންވަރާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކުރަމުން ކޯޗު މޯހަން ވަނީ، ވިކްޓަރީގެ މައިގަނޑު އަމާޒަކީ ކުރިމަތިލާ ކޮންމެ މެޗަކުން މޮޅުވެ، ކްލަބުގެ ތާރީޚީ ރަން ވަނަތަކަށް އަލުން ވާސިލުވުންކަން ކަށަވަރުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.