ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދިޔަ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުގައި ބިސްބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-3ގެ ނަތީޖާއަކުން ކުރިހޯދައި، ވިކްޓްރީ ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ އެއްވަނަ މަޤާމަށް ވަގުތީގޮތުން ޖެހިލައިފިއެވެ.
މުބާރާތުގައި ވިކްޓްރީން ކުޅުނު ހަތަރުވަނަ މެޗުން ހޯދި މި ކާމިޔާބީއާ އެކު އެ ޓީމަށް ވަނީ ޖުމްލަ 10ޕޮއިންޓް ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން، އެއް މެޗު މަދުން ކުޅެގެން 9ޕޮއިންޓާއެކު ދެވަނައިގައި އޮތް ކްލަބް އީގަލްސް ފަހަތަށް ޖައްސާލުމަށް ފަހު، ވިކްޓްރީން ވަނީ ޕޮއިންޓް ތާވަލުގެ އެންމެ ކުރި ކަށަވަރުކޮށްފައެވެ. މި މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ބިސްބުރު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ.
ފުރަތަމަ މިނެޓުން ފެށިގެންވެ ސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށް، ހަމަލާ އުފެއްދުމުގެ ވިސްނުމުގައި ވިކްޓްރީން ކުޅެމުންދިޔައިރު، އެ ޓީމުން ވަނީ ޖުމްލަ ނުވަ ހަމަލާއެއް ގޯލާ އަމާޒުކޮށްފައެވެ. މީގެ އިތުރުން، ސިއްހީ މައްސަލަތަކަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޤައުމީ ފޯވާޑް ހަސަން ނާއިޒް (ދާދު)ވަނީ ވިކްޓްރީގެ ކެޕްޓަން ބޭންޑާ އެކު ފުރަތަމަ އެގާރައިގައި ހިމެނިގެން މި މެޗުގައި ކުޅެފައެވެ.
މެޗުގެ ލީޑު ވިކްޓްރީން ނެގީ ފުރަތަމަ ހާފުގެ 27ވަނަ މިނެޓުގައެވެ. ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ޖެރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްވާން (ރިޒޭ)އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ޑިފެންޑަރު ޝޮޚްރުޚްބެކް ޚޮލްމަތޮވް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން 53ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހައި ފަރަގު ބޮޑުކޮށްދިނީ ފޯވާޑް ޖެރޯއެވެ.
ވިކްޓްރީން ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެ ޓީމުގެ ހިސާމް ސަލީމަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ކުޅުމުން ބޭރުގައި ބިސްބުރުގެ އަލީ ޝައިހާންއާ ދެމެދު ހިނގި މި މައްސަލައިގައި ރެފްރީ ވަނީ ޝައިހާނަށް ރީނދޫ ކާޑެއް ދައްކާފައެވެ.
ލީގު ތާވަލުގެ ތިންވަނައިގައި މިވަގުތު އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.