ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮޑީ ކޯޗުގެ ފުރަތަމަ ބޮޑު އިމްތިހާނަކަށް ނިއުރޭޑިއަންޓް!

ޝެއާ ކުރޭ Facebook Telegram Viber X

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗަކީ، އޮޑި ސްޕޯޓްސް ކްލަބާ އަލަށް ހަވާލުވި އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ލޫސިއާނޯ ތެއިލާއަށް ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ އަދި ފުރަތަމަ ބޮޑު އިމްތިހާނުކަމަށް އޭނާ ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން، ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ލޫސިއާނޯ ބުނީ، މޮޅު ކޯޗަކާއި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭ ނިއުރޭޑިއަންޓަކީ ބޮޑު ޓީމެއް ކަމަށާއި، މިއީ އޭނާގެ އިރުޝާދުގެ ދަށުން އޮޑިން ކުޅޭނެ އެންމެ ތަފާތު އެއް މެޗު ކަމަށެވެ. އަދި އޭނާގެ ފަލްސަފާއަކީ ކުރިއަށް ޖެހިގެން ހަމަލާދޭ ފުޓުބޯޅައެއް ކުޅުން ނަމަވެސް، މި މެޗުން އެދެވޭ ނަތީޖާއެއް ނެރެވޭނީ ކުޅުންތެރިންގެ ފަރާތުން ސައްތައިން ސައްތަ ހިތްވަރު ލިބިގެންކަމަށް މީގެ ކުރިން ވިކްޓަރީއަށް ކުޅުނު ކޯޗު ފާހަގަކުރިއެވެ.

ފާއިތުވި މަހުގެ ފަހުކޮޅު އޮޑީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ލޫސިއާނޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ގައްދޫ ރެކްރިއޭޝަން ކްލަބް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ތަފާތު ބޮޑު މޮޅެއް ހޯދާފައެވެ. އެހެން ނަމަވެސް، ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވެ މިހާތަނަށް މޮޅެއް ހޯދިފައިނުވާ ގައްދޫއާ ދެކޮޅަށް ކުޅުނު މެޗަކީ އޮޑީގެ ހަގީގީ ފެންވަރު ވަޒަންކުރަން އެންމެ އެކަށީގެންވާ މެޗެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ކުރިމަތިލުމަށް މި ދެ ޓީމުވެސް ނުކުންނައިރު، ލީގުގައި މިހާތަނަށް ދެ ޓީމުންކުރެ ކޮންމެ ޓީމެއް ވެސް ވަނީ ތިން މެޗު ކުޅެފައެވެ. މާޒިޔާ އަތުން ބަލިވެ، އަނެއް ދެ މެޗު ކާމިޔާބުކޮށްގެން އޮޑި މިވަގުތު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އޭގެ ކުރީގައި، ހަތް ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ. އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު