ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި، ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ކަށަވަރުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފުގައި އޮޑި ސްޕޯޓްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް އޮޑި ސްޕޯޓްސްއިންނެވެ. މެޗު ފެށިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޒްދާން ހަސަނެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސްގެ އާޖެންޓީނާ ކުޅުންތެރިޔާ ހުއާން އެޑުއާޑޯ ލެސްކާނޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އޮޑި ސްޕޯޓްސްއިން މެޗުގެ ކޮންޓްރޯލް ނަގައި، ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ ފަހު 15މިނެޓުގެ ތެރޭގައެވެ. އެގޮތުން 75ވަނަ މިނެޓުގައި މުހައްމަދު ސަޚާއު އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު، 89ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭގެ އެއް މިނެޓު ފަހުން، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޮޑީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ.
ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އޮޑި ސްޕޯޓްސް ވަނީ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0އިން ބަލިވެފައެވެ. އަނެއްކޮޅުން ބުރު ސްޕޯޓްސް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ހއ. ދިއްދޫ އަތުން ބަލިވީވެސް 1-0ގެ ނަތީޖާއަކުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.