ފޯފޯޓޫ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި، ޖަރުމަނުގެ ބަޔާން މިއުނިކްގައި ހޭދަކުރަމުންދާ ކާމިޔާބު ދުވަސްތަކާ މެދު ނުހަނު ހިތްހަމަޖެހޭކަން ފާހަގަކޮށް، ކުރިމަގުގައި އަލުން އިނގިރޭސި ޕްރިމިއަރ ލީގަށް އެނބުރި ދިއުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން މިއަދު ހާމަކޮށްފިއެވެ.
ދެވަނަ ފަހަރަށް ޔޫރަޕިއަން ގޯލްޑަން ބޫޓާ ހަވާލުވުމަށް ފަހު ވާހަކަދައްކަމުން އުމުރުން 33އަހަރުގެ ފޯވާޑް ބުނީ، ޓޮޓްނަމް ހޮޓްސްޕަރއާ ވަކިވި ދުވަސްވަރު އަނބުރާ އެ ލީގަށް ދިއުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ. އެހެން ނަމަވެސް، އިނގިރޭސިވިލާތުން ބޭރުގައި ކުޅެން ލިބުނު މި ފުރުސަތަކީ ފުޓްބޯޅައިގެ މުޅިން އައު ތަޖުރިބާތަކަކަށް މަގުފަހިކޮށްދިން ކަމެއްކަމަށާއި، މިހާރު އޭނާގެ ހުރިހާ ވެސް ސަމާލުކަމެއް ހުއްޓިފައި ވަނީ ބަޔާން މިއުނިކަށް ކަމަށް ކޭން ވަނީ ބުނެފައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލުމަށް ކޭންއަށް މަދު ވަނީ އެންމެ 47ލަނޑެވެ. އެލަން ޝިއަރާ ހަދާފައިވާ 260ލަނޑުގެ ރެކޯޑާ އަރާ ހަމަކުރުމަށް ޓަކައި ކޭން އަލުން އެނބުރި އަމިއްލަ ގައުމަށް ދާނެކަމަށް މީޑިއާތަކުގައި މީގެ ކުރިން ވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ. ނަމަވެސް، ކޭން ބުނެފައިވަނީ މުސްތަގުބަލުގައި ވާނެގޮތެއް ނޭނގުނަސް، މި ވަގުތު އޭނާ ހުރީ ބަޔާންގައި ވަރަށް އުފަލުން ކަމަށެވެ.
2023ވަނަ އަހަރު ބަޔާންއާ ގުޅުނު ފަހުން ކޭން އަންނަނީ އެ ކުލަބުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 2025/26ވަނަ އަހަރުގެ ސީޒަންގައި އެކަނިވެސް އޭނާ ވަނީ 36ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާންގެ ޖާޒީގައި މިހާތަނަށް ކުޅުނު 147މެޗުގައި 146ލަނޑު އޭނާ ޖަހާފައިވާއިރު، އޭގެ ތެރެއިން 98ލަނޑަކީ ލީގުގައި ކުޅުނު 94މެޗުން ކާމިޔާބުކުރި ލަނޑުތަކެވެ. މީގެ އިތުރުން، އޭނާ ވަނީ ބަޔާންއާ އެކު ޖަރުމަނު ލީގު ދެފަހަރު، އަދި ޖަރުމަނު ކަޕާއި ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
އަންނަ އަހަރުގެ ނިޔަލަށް ބަޔާން މިއުނިކާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އޭނާ ބުނިގޮތުގައި ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން ކުލަބުގެ އިސްވެރިންނާއެކު މާލަސްތަކެއް ނުވެ މަޝްވަރާތައް ފަށާނެއެވެ. އެހެން ނަމަވެސް، މިކަމުގައި ދެފަރާތުންކުރެ އެއްވެސް ފަރާތަކުން އަވަސްއަރުވާލައިގެން ނޫޅޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ބަޔާން މިއުނިކުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ މެޗުގައި މި މަހުގެ 28ވަނަ ދުވަހު ނުކުންނާނީ ސްޓުޓްގާޓާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.