ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގު، ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭހެން ޖުމްލަ 11ޓީމާއެކު އޮކްޓޯބަރު 15ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން މުބާރާތް ފަށާ ދުވަހު ކުރިއަށްދާގޮތަށް ހަމަޖެހިފައިވާއިރު، މި ބައިގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި، ކުލަބު އެމްޓީސީސީ އާއި ކުލަބު އެޗްޑީސީގެ އިތުރުން މުޅިން އަލަށް ބައިވެރިވާ ލަޔަންސް ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު 15ވަނަ ދުވަހު ނުކުންނާނީ ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަނެވެ.
މީގެ ދެ ދުވަސް ފަހުން، އޮކްޓޯބަރު 17ވަނަ ދުވަހު އަންހެން ޑިވިޝަނުގެ މެޗުތައް ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. ފަސް ޓީމެއް ވާދަކުރާ މި ޑިވިޝަނުގައި ހިމެނެނީ ކުލަބު ވެމްކޯ، ޕޮލިސް ކުލަބު، ކުލަބު އެމްޓީސީސީ، ޖީޖީ ސްޕޯޓްސް އަދި ހުރާ ކޮމިއުނިޓީ ކުލަބެވެ. އަންހެން ޑިވިޝަން ހުޅުވައިދޭ ފުރަތަމަ މެޗުގައި 17ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ވެމްކޯއާއި އެމްޓީސީސީއެވެ.
މި ލީގުގެ ކުޅުން ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެންމެ ކުރީގައި އޮންނަ ގަދަ ހަތަރު ޓީމަކަށް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވީއޭއެމްއިން މައުލޫމާތުދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.