ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސޮފްވާންގެ ތުހުމަތުތައް ވީއޭއެމްއިން ދޮގުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން އުމުރަށް ސަސްޕެންޑްކޮށްފައިވާ ޤައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަޙްމަދު މީޑިއާގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށް، އޭނާއަށް ފިޔަވަޅު އަޅާފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އިންސާފުވެރިކަމާއެކުކަން ހާމަކޮށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ތަފްސީލީ ބަޔާނެއް ނެރެފިއެވެ.

ފަސް ސަފްހާގެ ދިގު ނޫސްބަޔާނެއް މެދުވެރިކޮށް ވީއޭއެމްއިން ބުނީ، ސޮފްވާން "ފްރޭމް"ކުރުމަށް އެ އެސޯސިއޭޝަނުން އެއްވެސް އިރަކު މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާއާ މެދު އެޅި ފިޔަވަޅަކީ ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރިކަމުގެ ޝަކުވާ ލިބުމާ ގުޅިގެން، 2025ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެކުލަވާލި 5މެންބަރުންގެ ޚާއްސަ އެޑްހޮކް ކޮމިޝަނަކުން މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި ތަޙުޤީޤުކުރުމަށް ފަހު ނިންމި ނިންމުމެއްކަން ވަނީ ފާހަގަކޮށްފައެވެ.

މި ތަޙުޤީޤަށް އަނިޔާ ލިބުނު ކުޅުންތެރިޔާ ދިން ބަޔާނުގައި ބުނެފައިވާ ގޮތުން، ޤައުމީ ޓީމުން ޖާގަ ދިނުމަށްފަހު ސޮފްވާން ވަނީ ދަންވަރު ގަޑީގައި މެސެޖުކުރުމާއި، ޖިމް ފަދަ ތަންތަނަށް ގެންގޮސް ޒާތީ ވާހަކަތައް ދައްކާފައެވެ. އޭގެ އިތުރުން ރަށެއްގައި މުބާރާތެއް ކުރިއަށްދިޔަ ވަގުތު ކުޅުންތެރިޔާގެ ފޯނު އަތުލައި، ގެސްޓްހައުސްއަކަށް ގަދަކަމުން ވައްދައި ވީޑިއޯކޮށް، އެ ވީޑިއޯތަކާއި މެސެޖުތައް އާއިލާއަށް ދައްކާނެކަމުގެ ބިރުދައްކައިގެން (ބްލެކްމެއިލްކޮށްގެން)ތަކުރާރުކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާކަން ކޮމިޝަނަށް ވަނީ ފާހަގަވެފައެވެ. ވީއޭއެމްއިން ބުނިގޮތުގައި ސޮފްވާންގެ ހާޒިރުގައި ނެގުނު ބަޔާނުގައި ވެސް ކުޅުންތެރިޔާ ވަނީ މި ވާހަކަތައް ތަކުރާރުކޮށްފައެވެ.

މި މައްސަލައިގައި ފުރަތަމަ ސޮފްވާން ސަސްޕެންޑްކުރީ ފަސް އަހަރު ދުވަހަށެވެ. ނަމަވެސް އެ ނިންމުން އެޕީލްކުރުމުން އެޕީލްސް ކޮމިޓީން ވެސް މައްސަލަ ނިންމީ ސޮފްވާނާ ދެކޮޅަށެވެ. އެއަށްފަހު 2026ވަނަ އަހަރުގެ މާރިޗު މަހު ބޭއްވި ކޮންގްރެސްއަށް މި މައްސަލަ ހުށަހެޅުމުން، މިއީ އޭނާގެ ފަރާތުން އާންމުކޮށް ފެންނަ ކަމެއްކަން މެންބަރުންނަށް ފާހަގަވުމުން، ކޮންގްރެސްގެ އިއްތިފާޤުން ވަނީ އޭނާ އެކްސްކޯ މެންބަރުކަމުން ވަކިކޮށް، ވޮލީގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކުރުމަށް ފާސްކޮށްފައެވެ.

ހެކި ނެތްކަމަށް ބުނެ ފުލުހުން ދާދިފަހުން މި މަހުގެ 17ގައި މި މައްސަލަ ފައިލްކުރުމާއެކު، ސޮފްވާން ދަނީ މީޑިއާތަކުގައި ވީއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެހެންނަމަވެސް ވީއޭއެމްއިން ބުނީ، އޭނާގެ މައްޗަށް ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރުކުރި ކަމަށް ބުނާ ވާހަކަތަކަކީ ސިކުނޑީގެ ވަސްވާސްތަކެއް ކަމަށާއި، ބަޔާންތައް ނަގާފައިވަނީ އޯޑިއޯ ރެކޯޑްކުރެވިގެން 5 މެންބަރުންގެ ހާޒިރުގައި އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

އަދި އޭނާ ފްރޭމްކުރިނަމަ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަނޭޅީ، އެޅި ފިޔަވަޅަކީ އިންސާފުވެރި ނިންމުމެއްކަން ޚުދު ސޮފްވާނަށް ވެސް ގަބޫލުކުރެވޭތީ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ވީއޭއެމްއިން އިތުރަށް އިންޒާރު ދީފައި ވަނީ، އެސޯސިއޭޝަނުގެ އެންމެ ބޮޑު ޒިންމާއަކީ ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމަށާއި، އެސޯސިއޭޝަނުގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ މެދު 2024ވަނަ އަހަރު ފާސްކޮށްފައިވާ ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު