ގައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަން ފިރިހެން ބައިގެ ޗެމްޕިއަންކަން ސަން ސްޕޯޓްސްއިން ހޯދައިފިއެވެ.
ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް ސަންއިން ޓައިޓަލް ގެންދިޔައީ ސްޕޯޓްސް ކުލަބު ސިޓީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓުގައި ސަން ސްޕޯޓްސްގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން 14-25ގެ ތަފާތު ބޮޑު ނަތީޖާއަކުން ފުރަތަމަ ދެ ސެޓު ކާމިޔާބުކުރިއެވެ. ހަމަ އެއާ އެކު ތިންވަނަ ސެޓުގައި ސިޓީން ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް، ސަން ސްޕޯޓްސްއިން ވަނީ 25-20އިން މި ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެމްޕިއަން ސަން ސްޕޯޓްސްގެ މުޙައްމަދު މަދީހު، މުޙައްމަދު އަމާން އަސްލަމް އަދި ޝަދާދު ޒަކީއެވެ. މީގެ އިތުރުން ރަނަރަޕް ސްޕޯޓްސް ކުލަބު ސިޓީގެ އަލީ އާމިރުއާއި އަޝްފާގު އާދަމްގެ އިތުރުން ޔުނައިޓެޑް ހެންވޭރިއަންސްގެ އިބްރާހީމް ރާކިން ހަސަން ވެސް މި ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަން ސްޕޯޓްސްގެ މަދީހެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ލަޔަންސް ރެކްރިއޭަން ކުލަބުގެ އިބްރާހީމް މިނާމް މުޙައްމަދުއެވެ. އަދި އެ ޓީމުގެ އަލްހާން ރަބީއު އަށް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސަން ސްޕޯޓްސް އަށް ތަށި ހޯދައިދިން ކޯޗު ހައުލަތު ނިޝާރުއެވެ.
މި މަހުގެ 1އިން 11 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތަކީ ގިނަ ޓީމުތަކެއްގެ ބައިވެރިވުމާ އެކު ކުރިއަށްދިޔަ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 24 ޓީމެއް ވާދަކޮށްފައިވާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 13 ޓީމެއް ވާދަކޮށްފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.