ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލް މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ފަސޭހަ ކާމިޔާބީއެއް ހޯދައި، އެމްޓީސީސީން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު ކުޅުނު މި ފައިނަލް މެޗު އެމްޓީސީސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގައި އެމްޓީސީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ސެޓުތައް ގެންދިޔައީ 25-12، 25-14އަދި 25-16ގެ ތަފާތަކުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޓީސީސީގެ ޖޯޒީ ނަމްބަރު 19މާޔާ ޙުސައިން ޞަލާޙެވެ. މީގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހާސިލުކުރީ ވެސް މާޔާއެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެމްޓީސީސީގެ މާޔާ ޙުސައިން ޞަލާޙް (ޖާޒީ ނަންބަރު 19)، ފާތިމަތު މަޒިއްޔާ (ޖާޒީ ނަންބަރު 3)އަދި އާމިނަތު ރަފާ އިބްރާހީމް (ޖާޒީ ނަންބަރު 11)އެވެ. މީގެ އިތުރުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިޝަތު ނަޝްމާ އަޙްމަދު (ޖާޒީ ނަންބަރު 17)އާއި އައިޝަތު ނައްފަ ޖަލީލް (ޖާޒީ ނަންބަރު 18)ގެ އިތުރުން ރާއްޖެވޮލީ ކްލަބުގެ އާމިނަތު ހަޝްމާ އަޙްމަދު (ޖާޒީ ނަންބަރު 13)ވެސް ވަނީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ޖާޒީ ނަންބަރު 10އައިޝަތު މައިހާ ޢަބްދުލްޖަލީލްއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު އެމްޓީސީސީގެ ޖާޒީ ނަންބަރު 20ފާތިމަތު ޒަހާ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްޓީސީސީގެ ކޯޗު ނިޒާރު އިބްރާހީމެވެ.
އަންހެން ބައިގެ ކުޅުން މިއަދު ނިމިގެންދިޔައިރު، މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.