ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި އެމްޓީސީސީ ބަލިކޮށް، ކުލަބު ވެމްކޯއިން ވިދިވިދިގެން ހަވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުޅި ޓީމު ގުޅިގެން ދެއްކި ނަމޫނާ އަޚުލާގާއި ކުރި ބުރަ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)ބުނެފިއެވެ.
ރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި އެމްޓީސީސީގެ މައްޗަށް ވެމްކޯއިން ކުރިހޯދީ 3-1ސެޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު އަދީލް ފާހަގަކުރި ގޮތުގައި، މި ނަތީޖާއަކީ ކުޅުންތެރިންގެ މެދުގައި އޮތް ވަރުގަދަ ގުޅުމާއި، ކުޅިވަރުގެ ތެރޭގައި އެ ކުޅުންތެރިން ހިފެހެއްޓި ޑިސިޕްލިންގެ ފޮނި މޭވާއެވެ. މިއަހަރުގެ މުބާރާތުގައި ވެމްކޯއިން ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ތަށި އުފުލާލާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދި އަދީލްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވެމްކޯއިން މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-20އިންނެވެ. ނަމަވެސް އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް 25-20އިން ދެވަނަ ސެޓު އެޓީމު ކޮޅަށް އަނބުރާލާފައެވެ. އެހެންނަމަވެސް، ފަހު ދެ ސެޓުގައި ވެމްކޯއިން ތަފާތު މޮޅު ކުޅުމެއް ދައްކައި، 25-13އަދި 25-18އިން ސެޓުތައް ހޯދައިގެން މެޗު ކާމިޔާބުކުރިއެވެ.
ވީއޭއެމް ކަޕްގައި ވެމްކޯއިން އަންނަނީ 2021ވަނަ އަހަރުން ފެށިގެން އެ މުބާރާތުގައި ރަސްކަން ކުރަމުންނެވެ. ވިދިވިދިގެން ހަފަހަރު މުބާރާތް ކާމިޔާބުކުރުމާ އެކު، މިއީ މި މުބާރާތުގެ ތަށި އެ ކުލަބުން ދާއިމީކޮށް މިލްކުކުރި ދެވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.