ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި މިރޭ ޒުވާނުންގެ މަރުކަޒުގައި އެމްޓީސީސީއާ ދެކޮޅަށް ނުކުންނައިރު، މިއީ ވަރަށް ވާދަވެރި އަދި އުނދަގޫ ކުރިމަތިލުމަކަށް ވެގެންދާނެކަމަށް ދިވެހި ސިފައިންގެ ކްލަބުގެ ކޯޗު ޖުނައިދު ޢަބްދުﷲހާމަކޮށްފިއެވެ.
މުބާރާތުގެ ކުރީކޮޅު އެމްޓީސީސީ ބަލިކޮށްފައި އޮތުމަކީ ފައިނަލަށް ނުކުންނައިރު އޮތް ފަސޭހައެއް ނޫންކަން ފާހަގަކުރަމުން ޖުނައިދު ބުނީ، މިއީ މުޅިން ތަފާތު މާހައުލެއްގައި ކުޅެވޭނެ މެޗެއް ކަމަށެވެ. ފައިނަލް މެޗެއްގައި އަބަދުވެސް ކުޅުންތެރިންނަށް ނަފްސާނީ ގޮތުންނާއި ކުޅުމުގެ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހޭނެތީ، މެޗު ފަސޭހަކޮށް ނުނަގާނެކަމަށާއި ޓީމު ނުކުންނާނީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެގެންކަމަށް އޭނާ ވަނީ ބުނެފައެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ލަޔަންސް ރެކްރިއޭޝަން ކްލަބް 3-1ސެޓުން ބަލިކޮށް ފައިނަލުގެ ޖާގަ ސިފައިން ކަށަވަރުކުރިއިރު، އެ ޓީމަށް ވަނީ މުބާރާތުގެ ކުރިން އެކަށީގެންވާ ފަރިތަކުރުންތަކެއް ނުބޭއްވުމުގެ މައްސަލަ ކުރިމަތިވެފައެވެ. ކޯޗު ބުނިގޮތުގައި ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިން ވެސް ޓީމާ ގުޅުނީ މުބާރާތް ފެށެން އެންމެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. އެހެންކަމުން ޓީމުގެ ފަރިތަކުރުންތައް ބޮޑަށް ކުރިއަށްގެންދިޔައީ މެޗުތަކުގެ މެދުތެރެއިން ލިބުނު ހުސް ވަގުތުތަކުގައެވެ.
މީގެ އިތުރުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ. ބިދޭސީ ކުޅުންތެރިޔާ ފިޒިއޯގެ ފަރުވާ ހޯދަމުން އަންނައިރު، އެހެން ކުޅުންތެރިޔަކު ކުޅެމުންދަނީ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޓޭޕް އަޅައިގެންނެވެ. މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސިފައިންގެ ކްލަބުގެ ހަމައެކަނި އަމާޒަކީ ތަށި ކާމިޔާބުކުރުން ކަމަށާއި އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ޖުނައިދު ދިނެވެ.
ޗެމްޕިއަންކަން ކަށަވަރުކުރާ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.