ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެޗްޑީސީއާއި ސިފައިން ވޮލީ މުބާރާތުގެ ސެމީއަށް!

ޝެއާ ކުރޭ Facebook Telegram Viber X

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް 2026ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ކްލަބް އެޗްޑީސީ އަދި ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ހޯމަ ދުވަހު ކަށަވަރުކޮށްފިއެވެ. 

ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ހެންވޭރިއަންސްއާ ވާދަކޮށް އެޗްޑީސީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ މޮޅު ކުޅުމާއެކު އެ ޓީމުން ސެޓުތައް ގެންދިޔައީ 25-19، 25-11އަދި 25-18އިންނެވެ. މި މޮޅާއެކު ޕޫލް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި އެޗްޑީސީ ސެމީއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި އަށް ޕޮއިންޓާއެކު ސެމީގެ ފުރުސަތު ހޯދީ ލަޔަންސް ރެކްރިއޭޝަން ކްލަބެވެ.

މީގެ އިތުރުން، ހޯމަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެމްޓީސީސީގެ މައްޗަށް ދިވެހި ސިފައިންގެ ކްލަބުން ވެސް ވަނީ ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. ސިފައިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-21، 25-16އަދި 25-21ގެ ނަތީޖާއަކުންނެވެ. 

މި މެޗުން ބަލިވި ނަމަވެސް، ޕޫލް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި އަށް ޕޮއިންޓާ އެކު އެމްޓީސީސީއަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. ސިފައިން ސެމީއަށް ނުކުންނާނީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. 

މުބާރާތުގެ ފައިނަލަށް ދިއުމަށް ޓީމުތަކުން ވާދަކުރާ ސެމީ ފައިނަލް މެޗުތައް އަންނަ ބުދަ ދުވަހު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ބުދަ ދުވަހު ކުޅޭ ފުރަތަމަ ސެމީގައި އެޗްޑީސީއާއި އެމްޓީސީސީ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ލަޔަންސްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު