ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުރިއަށްދިޔަ ކްލަބް މޯލްޑިވްސް އަންހެން ޑިވިޝަންގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ "އެއިޓީން ތާޓީ ކްލަސިކް 2026"ގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ ކުރިމަތިލުމުގައި، އެންމެ ފަހުގެ ތަށި އުފުލާލި ޕްރިޒަން ކްލަބުގެ މައްޗަށް ސްޓެލްކޯއިން ކުރިހޯދީ 3-0ގެ ފަރަގަކުންނެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާމިނަތު މައިހާ މޫސާގެ އިތުރުން ޝަހުލާ ތައުފީގާއި މަރިޔަމް ވިޝާޔާ ވިލްދާނެވެ.
މީގެ އިތުރުން، ސެމީގެ ދެވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 5-3ގެ ނަތީޖާއަކުން ކުރިހޯދައިގެން އެޗްޑީސީން ވަނީ ފައިނަލުގެ އުންމީދު ހާސިލުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޗްޑީސީގެ އާމިނަތު ރިސާލާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔައިރު، ދެން އެ ޓީމަށް ގޯލުތައް ޖަހައިދިނީ ފިރުޝާނާ ނަސީރާއި ފާތިމަތު ޝާލިޔާއެވެ. އެޗްޑީސީގެ ފަސްވަނަ ލަނޑަކީ އެސްޓީއޯގެ ފަދުވާ ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެސްޓީއޯގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަދުވާގެ އިތުރުން އައިޝަތު ޝަފްނާއާއި ސުމައްޔާ ބިންތި އަބްދުލް ހަމީދެވެ.
މުބާރާތުގެ ތަށި ހޯދުމަށް ސްޓެލްކޯއާއި އެޗްޑީސީ ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:45ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.