ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގައި ކްލަބް އެޗްޑީސީއާ ވާދަކޮށް، ފަހަތުން އަރައި 3-1ގެ ނަތީޖާއަކުން މޮޅުވެ އެސްޓީއޯ ރެކްރިއޭޝަން ކްލަބުން މިއަހަރު ވެސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި އެސްޓީއޯއިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު)ޖަހައިދިން ލަނޑުން ފުރަތަމަ ލީޑު ނެގީ އެޗްޑީސީންނެވެ. ނަމަވެސް އެޗްޑީސީ އަށް މި ލީޑު ހިފަހައްޓާލެވުނީ އެންމެ މިނިޓަކަށެވެ. ޖެހިގެން އައި މިނިޓުގައި އަލީ ހައިސަމް (ޗުމްޕު)ވަނީ ލަނޑެއް ޖަހައި އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓް ތެރޭގައި އަލީ ހުމޭޒު ވަނީ އެސްޓީއޯއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި އޭގެ 10ވަރަކަށް މިނިޓް ފަހުން އެސްޓީއޯގެ ތިންވަނަ ލަނޑު ޖަހައިދިނީ ސޮރޫޝް ޝެއިޚޮލަރަމް މަޝަޑީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެސްޓީއޯގެ ގޯލްކީޕަރު މުހައްމަދު ޒުހަލްއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 16ގެ ބުރުން އެޗްޑީސީ ކެޓީ ވެސް އެސްޓީއޯ އަތުން ބަލިވެގެންނެވެ. އަދި އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)އާ ވާދަކޮށްފައެވެ.
މި އަހަރުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށެވެ. ރެހެންދި ޓާފް ދަނޑުގައި މިރޭ 8:30ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ކްލަބް އެމްޓީސީސީ އާއި އެންމެ ފަހުގެ ޗެމްޕިއަން އާރުއާރުސީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.