ކްލަބް ވެމްކޯގެ އަންހެން ވޮލީ ޓީމުގެ ކެޕްޓަން އާއިޝަތު މާޖިދާ އަދި ސެޓަރު ޖޫޒާން ޒަރީރު މީގެ އަހަރުތަކެއް ކުރިން ކަނޑައެޅި ބޮޑު އަމާޒު ކަމަށްވާ، ވިދިވިދިގެން ހަ ފަހަރު ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ތަށި ދެ ފަހަރަށް މިލްކުކުރުމުގެ ޝަރަފު އެ ކުޅުންތެރިން މިއަދު ހޯދައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޖޫޒާން ހާމަކުރި ގޮތުގައި، މި ތާރީޚީ ކާމިޔާބީގެ އަސްލަކީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި ފުރިހަމަ އިތުބާރެވެ. އަދި 2021ވަނަ އަހަރުން ފެށިގެން އެ ކުޅުންތެރިންގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ މެދުކެނޑުމެއް ނެތި ހަ ފަހަރު ތަށި އުފުލާލުންކަން އޭނާ ފާހަގަކުރިއެވެ.
މި ފަހަރުގެ މުބާރާތަކީ މިހާތަނަށް އެ ޓީމުން އެންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައިގެން ކާމިޔާބުކުރި މުބާރާތްކަން ފާހަގަކުރަމުން ކެޕްޓަން މާޖިދާ ބުނީ، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗާ ކުރިމަތިލިއިރު ޓީމުގެ ގިނަ ކުޅުންތެރިން ތިބީ ހުން އައިސް ބަލިކޮށް ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ މުބާރާތަކަށްވެސް ވެމްކޯއިން ނުކުންނަނީ ތަށި ދިފާއުކުރުމުގެ ވަރުގަދަ އަޒުމުގައިކަމަށް އޭނާ ބުންޏެވެ.
ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އަންހެން ވޮލީގައި އެންމެ އުސްމިންތަކަކަށް ވާސިލުވެފައި ވަނީ ވެމްކޯއިންނެވެ. އެސޯސިއޭޝަން ކަޕްގެ އިތުރުން ފާއިތުވި ހަތަރު އަހަރުގެ ގައުމީ މުބާރާތުގެ ތަށި ވެސް އުފުލާލާފައިވަނީ އެ ޓީމުންނެވެ. މި ފުރިހަމަ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ޓީމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެގެން ކުޅޭ ކުޅުންކަމަށް ކެޕްޓަން ބުންޏެވެ. އަދި ކުރިމަގުގައި ވެސް ވެމްކޯ ފެނިގެންދާނީ މިއަށް ވުރެ ވަރުގަދަކޮށްކަމުގެ ޔަގީންކަން ޓީމުގެ ކެޕްޓަން ވަނީ ދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.