މިއަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލް މެޗުގައި ކުލަބު އެމްޓީސީސީގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަވަނަ ފަހަރަށް ދިފާއުކުރުމާ އެކު ކުލަބު ވެމްކޯއިން އެ މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އެއްކޮށް މިލްކުކޮށްފިއެވެ.
ކޯޗު އަޙްމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވެމްކޯއިން މިއަހަރުގެ ތަށި އުފުލާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތައިގެ ފުރިހަމަ ރެކޯޑަކާއެކުގައެވެ. 2021ވަނަ އަހަރުން ފެށިގެން ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގައި ވެމްކޯއިން ރަސްކަންކުރަމުން އަންނައިރު، މިއީ އެ ޓީމަށް މުބާރާތުގެ ތަށި މިލްކުކުރެވުނު ދެވަނަ ފަހަރެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 25-20އިން ވެމްކޯ ކާމިޔާބުކޮށްފައި ވަނިކޮށް، ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ކުޅުން ވަރުގަދަކޮށް 25-20އިން އެ ސެޓު ކާމިޔާބުކޮށްފައެވެ. މިއީ މުޅި މުބާރާތަށް ބަލާއިރު ވެސް ވެމްކޯގެ އަތުން ގެއްލުނު ހަމައެކަނި ސެޓެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު ދެ ސެޓު، 25-13އަދި 25-18ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި، މުބާރާތުގެ ތަށި އަނެއްކާ ވެސް ހާސިލުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެސް ވެމްކޯއިންނެވެ.
މުބާރާތުގެ ވަކިވަކި ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު ހޯދިއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމަށް ކުޅޭ ތައިލެންޑުގެ ކުތިކާ ކަވްޕިންއެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ވެމްކޯގެ ކޯޗު އަދީލްއަށް ލިބުނުއިރު، 21އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ޕޮލިސް ކުލަބުގެ މިންހަތު އަހުމަދެވެ.
މިއަހަރުގެ އަންހެން ޑިވިޝަނުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ވެމްކޯގެ ޖޫޒާންގެ އިތުރުން އައިޝަތު މާޖިދާ އާއި ނަރީމާ އިދުރީސް (ނަންނި)އާއި، ހުރާ ކޮމިއުނިޓީ ކްލަބްގެ ފާތިމަތު ލިވާ ހުސެއިން އަދި މަނާލް އިސްމާއިލް ރަޝީދުގެ އިތުރުން އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ.
މި މުބާރާތުގެ ތިންވަނަ މަގާމު ހާސިލުކޮށްފައި ވަނީ ހުރާ ކޮމިއުނިޓީ ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވި ޕޮލިސް ކުލަބުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.