ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ހިންގުން ހަރުދަނާކޮށް އިސްލާހުކުރުމުގައި އެހީތެރިވެދިނުމަށް އެދި، އެ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފީފާގެ 211މެންބަރު ގައުމަށް އިއްޔެ ސިޓީއެއް ފޮނުއްވައިފިއެވެ.
މެންބަރު ގައުމުތަކަށް ފޮނުއްވި މި ސިޓީގައި އިންފަންޓީނޯ ވަނީ، ފީފާ ކައުންސިލްގެ އެހީގައި އިދާރާގެ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކުރައްވާފައެވެ. މިގޮތުން، ރައީސަށް ލިބިދޭ ބާރުތަކާއި، އިދާރާގެ ހިންގުން ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރުމުގެ އިތުރުން ފީފާގެ ވެރިން ޒިންމާދާރުކުރުވޭނެ އުސޫލުތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުމުރުފުޅުން 56އަހަރުގެ އިންފަންޓީނޯ މިފަދަ ފިޔަވަޅެއް އަޅުއްވާފައި މިވަނީ، ހަތަރުވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަކާ ގުޅިގެން 2015ވަނަ އަހަރު ކުރީގެ ރައީސް ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމާ ގުޅިގެން، 2016ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގަތް އިންފަންޓީނޯއަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ މިދިޔަ ޖުލައި މަހު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕަށް ފަހުގައެވެ.
އިންފަންޓީނޯއަށް ފާޑުކިޔުންތައް އަމާޒުވީ، ވޯލްޑް ކަޕް އިންތިޒާމުކުރުމަށް ފީފާގެ ތެރެއިން ވަކި ވިޔަފާރި ކުންފުންޏެއް އުފައްދައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތްގުޅުމެއް އޮންނަ ބަޔަކަށް އެ ކުންފުނީގެ ހިއްސާ ވިއްކާލަން މަސައްކަތްކުރެއްވުމުންނެވެ. ފީފާ ކައުންސިލްގެ އެއްވެސް ލަފައެއް ނެތި އަމިއްލަފުޅަށް ނިންމެވި މި ނިންމެވުމަށް، ޕްރެޝަރުތަކާ ހެދި އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި މައްސަލަތަކާ ގުޅިގެން ޔޫރަޕާއި އޭޝިއާ އަދި ކޮންކާކަފްގެ ފުޓުބޯޅަ އިދާރާތަކުން އަންނަނީ އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައި، ކުރިއަށް އޮތް މާޗު މަހު ފީފާއަށް އާ ރައީސަކު އިންތިހާބުކުރުމަށް ބާރުއަޅަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.