ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ އޮނިގަނޑު މުރާޖަޢާކުރަން އިންފަންޓީނޯ ހުށަހަޅުއްވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދާދިފަހުން އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ ހިއްސާ ވިއްކާލަން އުޅުމުން އުފެދުނު ބޮޑެތި ފާޑުކިޔުންތަކަށްފަހު، އެ އިދާރާގެ ނިންމުންތައް ނިންމާ ނިޒާމު ބޭރުގެ މިނިވަން ފަރާތަކުން މުރާޖަޢާކޮށް އިސްލާހުކުރުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މެމްބަރު ގައުމުތަކަށް ހުށަހަޅުއްވައިފިއެވެ.

ފީފާ ކައުންސިލާއި ދުނިޔޭގެ 211މެމްބަރު އެސޯސިއޭޝަނަކަށް އިންފަންޓީނޯ ފޮނުއްވި ރަސްމީ ސިޓީއެއްގައި ބަޔާންކުރައްވާފައި ވަނީ، އިދާރާގެ ސްޓްރެޓީޖިކް އޮނިގަނޑު ހަރުދަނާކުރުމަށް ޓަކައި ބޭރުގެ ކޮންސަލްޓެންޓުންގެ ލަފާ ހޯއްދަވަން ގަސްތުކުރައްވާ ކަމަށެވެ. މިއީ އޭނާގެ އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި، ކޮންފެޑަރޭޝަންތަކުގެ ރުހުން އަލުން ހޯއްދެވުމަށް އެޅުއްވި ޑިޕްލޮމެޓިކް ފިޔަވަޅެއްގެ ގޮތުގައި ކުޅިވަރުގެ މާހިރުން ސިފަކުރައްވައެވެ. މި މުރާޖަޢާގެ ތެރެއިން ފީފާގެ ރައީސާއި ކައުންސިލް އަދި ބިއުރޯގެ ބާރުތައް އޮންނަންވީ ގޮތާއި، ނިންމުންތަކުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރާނެ ގޮތްތައް ބަލާނެއެވެ.

މިފަދަ ހުށަހެޅުމެއް އިންފަންޓީނޯ މި ގެންނެވީ، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ 20އިންސައްތަ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް އޭނާ ގެންގުޅުއްވި ޕްލޭނަކާ ގުޅިގެން މުޅި ފުޓްބޯޅަ އާއިލާގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ. ޔޫރަޕާއި އޭޝިއާ އަދި ކޮންކާކަފް ސަރަހައްދުގެ މައި އިދާރާތަކުން ބޮއިކޮޓްކުރާނެކަމުގެ އިންޒާރު ދިނުމާއެކު، ފާއިތުވި ޖުލައި މަހު އިންފަންޓީނޯ ވަނީ އެ ހިޔާލު ދޫކޮށްލައްވާފައެވެ. އޭގެ ފަހުން އެ ފަރާތްތަކުން ދަނީ ފީފާގެ އިސް ސަފަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގޮވާލަމުންނެވެ.

އިންވެސްޓްމަންޓް ޕްލޭނާ ގުޅޭގޮތުން އިންފަންޓީނޯ ފޮނުއްވި ސިޓީގައި އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ، އެއީ ފުޓްބޯޅަ ކުރިއެރުވުމަށް ފަންޑު ހޯދޭނެ މަގެއް އޮތްތޯ ބެލުމަށް އެކުލަވާލި ހިޔާލެއް ކަމަށާއި، އެއްވެސް އިރެއްގައި އެއީ ނިމިފައިވާ ނިންމުމެއް ނޫންކަމަށެވެ. އަދި އެ މައުލޫމާތު އާންމުވީ ކައުންސިލާ ހަމައަށް ރަސްމީކޮށް ގެންދިއުމުގެ ކުރިން ކަމަށްވުމުން، ގިނަ ބަޔަކަށް އޮޅުންތަކެއް އެރީކަމަށް އޭނާ ގަބޫލުކުރައްވައެވެ. "އެއީ ހަމައެކަނި ޕްރޮޕޯސަލެއް. ކޮންމެ ކަމެއްވެސް ނިމޭނީ މެމްބަރުންގެ ރުހުން ލިބިގެން"ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަންނަ އަހަރުގެ މާޗު މަހު މޮރޮކޯގެ ރަބާތުގައި ފީފާގެ ރައީސްކަމުގެ އިންތިހާބު އޮންނާނެއެވެ. އިދިކޮޅު ފަރާތްތަކުން އިންފަންޓީނޯގެ ބާރުތައް ހަނިކުރަން މަސައްކަތްކުރި ނަމަވެސް، އިންތިހާބު ކާމިޔާބުކުރެވޭ ވަރަށް އޭނާއަށް އަދިވެސް ވޯޓު ޔަގީންކުރެވިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އިންފަންޓީނޯގެ މި އާ ހުށަހެޅުންތަކާ މެދު އޮކްޓޫބަރު 15ގައި ބާއްވާ ކައުންސިލް ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. ނަމަވެސް ފީފާގެ އަސާސީ ގަވާއިދަށް ބަދަލެއް ގެނެވޭނީ ކޮންގްރެސްއިން ފާސްކޮށްގެންނެވެ.

ސިޓީ ނިންމަވާލައްވަމުން އިންފަންޓީނޯ ވަނީ، ފީފާގެ ތަރައްގީގެ ޕްރޮގްރާމްތަކުން ގައުމުތަކަށް ލިބޭ އެހީތެރިކަމަށް، މިފަދަ އިދާރީ ހުށަހެޅުންތަކަށް ތާއީދުކުރާ ނުވަތަ ނުކުރާ މިންވަރުން އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން މެމްބަރު އެސޯސިއޭޝަންތަކަށް ދެއްވާފައެވެ. އަދި އޭނާ ހުންނެވީ ލީޑަރެއްގެ ގޮތުގައި ފީފާ ކުރިއަށްގެންދިއުމުގެ ފުރިހަމަ އަޒުމުގައިކަން ވަނީ ހާމަކުރައްވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު