ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލިޔެކިޔުންތަކެއް ހާމަކުރުމަށް އިނގިރޭސި އެފްއޭގެ ޑިމާންޑެއް ފީފާއަށް

ޝެއާ ކުރޭ Facebook Telegram Viber X

ފީފާގެ ކަންކަމުގައި ހާމަކަންބޮޑު ގޮތެއް ނެތްކަމަށް ތުހުމަތުކޮށް، އެ އިދާރާގެ މުހިންމު ލިޔެކިޔުންތަކެއް ކުރިއަށް އޮތް ކައުންސިލް ބައްދަލުވުމުގެ ކުރިން ހާމަކުރުމަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ)އިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ރަސްމީކޮށް އަންގައިފިއެވެ.

ފީފާގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، އިނގިރޭސި އެފްއޭގެ ޗެއަރޕާސަން ޑެބީ ހެވިޓް ފޮނުއްވި ސިޓީގައި މައިގަނޑު ގޮތެއްގައި އެދިވަޑައިގެންފައިވަނީ "ފީފާ ފޯވާޑް އެންޓަޕްރައިސް"އާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރުމަށެވެ. މީގެ އިތުރުން، ނިމިދިޔަ ވޯލްޑް ކަޕްގައި އެމެރިކާގެ ކުޅުންތެރިޔާ ފޯލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން ބާތިލުކުރަން ޖެހުނު ސަބަބު ލިޔުމުން ބަޔާންކޮށްދިނުމަށް ވެސް ވަނީ ޑިމާންޑުކޮށްފައެވެ.

އިންފަންޓީނޯގެ އިތުރުން ފީފާގެ ސެކްރެޓަރީ ޖެނެރަލް މަތިއަސް ގްރަފްސްޓޯމްއަށް އެޑްރެސްކޮށް ފޮނުވި މި ސިޓީގައި، ފީފާގެ ތެރޭގައި ކުރިން އޮތް އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ކަންކަން ސިއްރުކުރުމުގެ ސަގާފަތެއް އުފެދިފައިވާކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ފީފާ ފޯވާޑް އެންޓަޕްރައިސް މެދުވެރިކޮށް، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލަން އިންފަންޓީނޯ ކުރިން މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ބާރުތަކުން އެކަމާ ދެކޮޅަށް ނުކުތުމުން އެ ނިންމުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ފީފާގެ އިންތިޚާބުގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން އިންފަންޓީނޯ ތައްޔާރުވަމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ އޭނާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން ޔޫރަޕާއި، އޭޝިއާ އަދި އުތުރު އެމެރިކާއާއި ކެރީބިއަން ސަރަހައްދުގެ ގައުމުތައް ގުޅިގެން އިންފަންޓީނޯއާ ދެކޮޅަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޔޫއެފާއިން އިސްނަގައިގެން އިންފަންޓީނޯގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް ނިންމައި، އެމެރިކާގެ ތިން ކޯޓަކަށް އެ މައްސަލަތައް ވެއްދުމުގެ މަސައްކަތް ވެސް މިދިޔަ މަހު ވަނީ ފަށާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު