ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާއިން ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށް އެދެފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރިޒާވްގައި ހުރި ފައިސާގެ ތެރެއިން ބަޖެޓަށް ވުރެ އިތުރުވާ މިންވަރު ފުޓުބޯޅަ ކުރިއެރުވުމަށް ޓަކައި އެ އިދާރާގެ 211މެމްބަރު އެސޯސިއޭޝަނަށް ބަހާލައިގެން، ކޮންމެ ގައުމަކަށް 10މިލިއަން ޑޮލަރު ދިނުމަށް ޔޫއެފާއާއި ކޮންކާކަފުން ގުޅިގެން ފީފާއަށް ގޮވާލައިފިއެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑަރ ކެފަރިންގެ ސޮޔާއެކު ފީފާއަށް ފޮނުވި ރަސްމީ ސިޓީއެއްގައި ބަޔާންކޮށްފައި ވަނީ، އެ ޖަމާއަތުގެ ރިޒާވްގައި މިވަގުތު ހަ ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. މިއީ އިދާރީ ހިންގުމަށް ބޭނުންވާ މިންވަރަށް ވުރެ ބޮޑު އަދަދަކަށް ވާތީ، 2027އިން 2030އަށް އެ ފައިސާ މެމްބަރު ގައުމުތަކުގެ އުމްރާނީ ތަރައްގީއަށާއި ކުޅިވަރުގެ ކުރިއެރުމަށް އިންވެސްޓުކުރުމަށް ވަނީ އެދިފައެވެ. އަދި މި ފައިސާއަކީ މިހާރު ވެސް ގައުމުތަކަށް ދެމުން އަންނަ އެހީގެ އިތުރުން ދޭންޖެހޭނެ އެއްޗެއްކަމަށް އެ ސިޓީގައި ޝަރުތުކޮށްފައިވެއެވެ.

މި ޑިމާންޑާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ވަނީ އިތުރު ފިއްތުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އޭނާއާ މެދު ބޮޑެތި ފުޓުބޯޅަ ކޮންފެޑެރޭޝަންތަކުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައި ވަނީ، ދުނިޔޭގެ ތަށީގެ މުބާރާތަށް ފަހު ފީފާ ފޯވާޑް އެންޓަޕްރައިޒްގެ 21އިންސައްތަ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލަން ނިންމެވި ހިސާބުންނެވެ. މީގެ ސަބަބުން އޭއެފްސީއާއި ޔޫއެފާގެ އިތުރުން ކޮންކާކަފްގެ މެމްބަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފީފާގެ މާލީ ކަންކަމާ ގުޅޭގޮތުން ޔޫރަޕުގެ އިދާރާއިން ސިޓީއެއް ފޮނުވާފައިވާއިރު، އިނގިރޭސި އެފްއޭއިން ވެސް ވަނީ ފީފާ ފޯވާޑް ޕްރޮޖެކްޓާ ގުޅުން ހުރި އެންމެހާ ރިޕޯޓުތަކާއި ލިޔެކިޔުންތައް ކުރިއަށް އޮތް ފީފާ ކައުންސިލްގެ ބައްދަލުވުމުގެ ކުރިން ހާމަކުރުމަށް މިދިޔަ ހަފުތާގައި ޑިމާންޑުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު