ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ކުރިއަށް ގެންދަން އުޅުނު އަމިއްލަ އިންވެސްޓްމަންޓް މަޝްރޫއު ފެއިލްވުމާ ގުޅިގެން، މުޅި ފުޓުބޯޅަ އާއިލާއަށް އޮތް އިތުބާރު ބޮޑުތަނުން ގެއްލިފައިވާ ކަމަށް، ޕޯޗުގަލް ފުޓްބޯލް ސަމިޓަށް މިއަދު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ ރައީސް އެލެކްސެންޑަރ ޗެފެރިން ވިދާޅުވެއްޖެއެވެ.
މުޅި ދުނިޔޭގެ ފުޓުބޯޅަ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް އެއްބައިވަންތަކަން ގާއިމުކުރުމަށް ގޮވާލައްވަމުން ޗެފެރިން ވަނީ، ފީފާގެ މުބާރާތްތަކުގެ 20އިންސައްތަ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލަން އެ އިދާރާއިން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ޔުއެފާއާއި އޭއެފްސީ އަދި ކޮންކާކަފް ގުޅިގެން ދެކޮޅު ހެދުމުން މިދިޔަ ޖުލައި މަހު ފީފާއިން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.
ޗެފެރިން ވިދާޅުވި ގޮތުގައި ފުޓުބޯޅައަކީ ގަނެވިއްކާ މުދަލަކަށް ވެގެން ނުވާނެއެވެ. އަދި ކުޅިވަރެއްގެ ގޮތުގައި ފުޓުބޯޅަ ކުރިއަރައި ދާނީ މަދު ބައެއްގެ މަންފާއަށް ވުރެ ގިނަ ބައެއްގެ މަސްލަހަތު އިސްކުރާ، ދެފުށް ފެންނަ އަދި އެއްބައިވަންތަ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުޅިވަރުގެ އިސް ސަފުގައި ތިބޭ ފަރާތްތަކުން އެކަންކަން ހިމާޔަތްކުރުމަށް ހުވާކޮށްގެން ތިބެ، އެކަމާ ޚިލާފުވަމުންދާކަމީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔުއެފާގެ ރައީސް މިފަދަ ހޫނު ބަސްތަކެއް ވިދާޅުވެފައި މި ވަނީ، ފީފާގެ ނިންމުންތައް ނިންމާ ގޮތް މުރާޖާކުރުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވިތާ ދެ ދުވަސް ފަހުންނެވެ. އިންފަންޓީނޯ ވަނީ ފީފާގެ ސްޓްރެޓީޖިކް ނިންމުންތައް ބަލާނެ މިނިވަން ކޮމިޓީއެއް އެކުލަވާލުމަށް ކައުންސިލްގެ ލަފަޔަކަށް އެދިވަޑައިގެންފައެވެ.
އިންފަންޓީނޯގެ މި ހުށަހެޅުމާއެކުވެސް ފީފާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދައުރަކަށް އިންފަންޓީނޯ ވާދަކުރައްވާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. ޗެފެރިންގެ ވާހަކަކޮޅު ނިންމަވާލައްވަމުން ވިދާޅުވީ، ކުޅިވަރު ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތަކަށް އެބައިމީހުންގެ އަސްލު މަސްއޫލިއްޔަތު އެނގޭހާ ހިނދަކު ފުޓުބޯޅަ އޮންނާނީ ރައްކާތެރިކަމާއެކު ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.