ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޗެމްޕިއަނުން ވާދަކުރާ، އަންނަ އަހަރުގެ ފީފާ ވިމެންސް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލުން ފެށިގެން ފައިނަލާ ހަމައަށް ކުޅޭ މުހިންމު މެޗުތައް، އެމެރިކާގެ އިންޓަރ މަޔާމީގެ "ނިއު ސްޓޭޑިއަމް"ގައި ބޭއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން އިއްޔެ ކަނޑައަޅައިފިއެވެ.
ހަ ބައްރެއްގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ކުޅެވޭ މި ބައިނަލްއަޤުވާމީ މުބާރާތުގެ އެންމެ ފަހު މެޗު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރު ކަމަށްވާއިރު، ސްޕެއިންގެ މަޝްހޫރު ބާސެލޯނާގެ އިތުރުން މެކްސިކޯގެ ކްލަބް އެމެރިކާއިން ވަނީ މިހާރު ވެސް މުބާރާތުން ޖާގަ ޔަޤީންކޮށްފައެވެ.
20،000އަށް ވުރެ ގިނަ (26,700)މީހުންގެ ޖާގައިގެ "ނިއު ސްޓޭޑިއަމް"އަކީ ދާދި ފަހުން، މިދިޔަ އޭޕްރީލް މަހު ހުޅުވި ދަނޑެކެވެ. ފުޓުބޯޅައިގެ ލެޖެންޑް ލިއޮނެލް މެސީގެ ހުނަރުތައް ފެންނަމުންދާ މި ދަނޑުގައި، ނިމިދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގެ އަށް މެޗެއްވެސް ވަނީ ކުޅެފައެވެ. އިންޓަރ މަޔާމީގެ އިސް އޮފިޝަލެއް ކަމަށްވާ އިނީގޯ އަޒްނާރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެންމެ މޮޅެތި އަންހެން ކުޅުންތެރިންނާއި ޗެމްޕިއަން ޓީމުތައް އެ ކްލަބްގެ އައު ދަނޑުގައި ކުޅުމަކީ ލިބިގެންދާނެ ނުހަނު ބޮޑު ފަޚުރެކެވެ. އަދި މިއީ ކްލަބަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރިގަދަ މުބާރާތުގެ ފުރަތަމަ ތާރީޚީ ތަށި އުފުލާލާފައި ވަނީ އިނގިރޭސިވިލާތުގެ އާސެނަލުންނެވެ. މިދިޔަ ފެބްރުއަރީ މަހު އެ ކްލަބްގެ އަމިއްލަ ދަނޑުގައި ކުޅުނު ފައިނަލްގައި ބްރެޒިލްގެ ކޮރިންތިއަންސްގެ މައްޗަށް ކުރިހޯދައިގެން އާސެނަލުން ވަނީ ޗެމްޕިއަންކަމުގެ އިނާމެއްގެ ގޮތުގައި 2.3މިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ. މިއީ އަންހެނުންގެ ކްލަބް ފުޓުބޯޅައިގެ ތާރީޚަށް ބަލާއިރު ވެސް، މިހާތަނަށް ދެވުނު އެންމެ ބޮޑު ފައިސާގެ އިނާމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.