ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާއާ ހިތްހަމަ ނުޖެހި ނޯޑިކްގެ 3 ޤައުމަކުން ސިޓީ ފޮނުވައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ފޮރުވިފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ސްވިޑަން، ޑެންމާކް އަދި ފިންލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުން ޔޫރަޕިއަން ކޮމިޝަނަރ ފޯރ ސްޕޯޓްސް ގްލެން މިކަލެފްއާ ބައްދަލުކުރުމަށް ބްރަސަލްސްގައި އެދިއްޖެއެވެ.

ފިންލެންޑްގެ އެފްއޭ ރައީސް އަރީ ލާހްޓީ، ސްވިޑަންގެ ސައިމަން އެސްޓްރޮމް އަދި ޑެންމާކުގެ ޖެސްޕަރ މޮލަރ ސޮއިކުރައްވައި ފޮނުއްވި މި ސިޓީގެ ސަބަބުން، ފީފާގެ އިސްވެރިންނަށް ޔޫރަޕްގެ ސިޔާސީ ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވުން އެކަށީގެންވެއެވެ. އީޔޫގެ ކުޅިވަރާ ބެހޭ ކޮމިޝަނަރުގެ އޮފީހުން އިއްޔެ ވަނީ މި ސިޓީ ލިބިފައިވާކަން ޔަގީންކޮށްދީފައެވެ. އެހެން ނަމަވެސް، މިކަލެފް މި ބައްދަލުވުމަށް ވަގުތު ދެއްވާނެކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިފަދަ ފިޔަވަޅެއް މި ޤައުމުތަކުން އަޅާފައި ވަނީ، ފީފާއިން ކަންކަން ނިންމުމުގައި އެކަށީގެންވާ މަޝްވަރާ ނުކުރާކަމަށާއި ދެފުށް ފެންނަ އުސޫލުތަކެއް ނުގެންގުޅޭކަމަށް ބުނެ، މިދިޔަ ހޫނު މޫސުމުގައި އެ ޤައުމުތަކުގެ އީޔޫ ޕާލަމަންޓް މެންބަރުން ހުށަހެޅި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. ޚާއްސަކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފާޑުކިޔުން އަމާޒުވެފައިވަނީ، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް އުޅުނު "ފީފާ ފޯވަޑް އެންޓަޕްރައިޒް (އެފްއެފްއީ)"ޕްރޮޖެކްޓާ ގުޅިގެންނެވެ. މި މައްސަލައިގައި އިންފަންޓީނޯގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވެސް ކުރިން ވަނީ ވާހަކަދެކެވިފައެވެ.

ނޯޑިކްގެ ފުޓުބޯޅަ އިދާރާތަކުން ދެކޭގޮތުގައި ވިޔަފާރީގެ މިފަދަ ބޮޑެތި ނިންމުންތައް ސިއްރިއްޔާތުގައި ނިންމައި އަމިއްލަ އިންވެސްޓަރުންނަށް ފުރުސަތު ދިނުމަކީ ފުޓުބޯޅައިގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރުން 2021ވަނަ އަހަރު ޔޫރަޕިއަން ސުޕަރ ލީގު ހުއްޓުވުމަށް ސިޔާސީ ފަރާތްތަކާއި ފުޓުބޯޅަ އިދާރާތައް ގުޅިގެން ނެރުނު ނަތީޖާއަކީ، މިހާރު ފީފާގެ މައްސަލަތައް ހައްލުކުރުމަށްވެސް ބޭނުންކުރެވިދާނެ ނަމޫނާއެއްކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ނޯޑިކްގެ ހަ ޤައުމެއް ކަމަށްވާ އައިސްލެންޑް، ނޯވޭ، ފެރޯ އައިލެންޑްސް، ޑެންމާކް، ސްވިޑަން އަދި ފިންލެންޑުން ވަނީ އިންފަންޓީނޯގެ މައްޗަށް އިތުބާރު ނެތްކަން ހާމަކޮށްފައެވެ. އަދި އެފްއެފްއީ ޕްލޭންގެ މިނިވަން ތަހުގީގަކަށް ގޮވާލައި، ފީފާގެ މުޅި ނިޒާމު އިސްލާހުކުރުމަށް އެ ޤައުމުތަކުން ވަނީ ޑިމާންޑުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު