ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭނެކަން ކޯޗު ޖޯޖް ޖީސަސް ހާމަކުރުމުން، އެކަމާ ހިތްހަމަނުޖެހިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕް ދޫކޮށް ހިނގައްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ނޯވޭ އަތުން ޕޯޗުގަލް 2-1އިން މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ އަށް ކުޅުމުގެ ފުރުސަތެއް ދީފައެއް ނުވެއެވެ.
ކޭމްޕް ދޫކޮށް ދިއުމަށް ފަހު ރޮނާލްޑޯ އިންސްޓަގްރާމްގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ދެއްކި ވާހަކަތަކާ ގުޅިގެން ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްދާން ނިންމީ ކަމަށެވެ. އަދި ގައުމީ ޓީމަށް އަބަދުވެސް ސަތޭކަ ޕަސެންޓް ދޭއިރު، ޓީމު ދޫކޮށް ދާން ޖެހުނު ހަގީގީ ސަބަބުތައް ވަގުތު ޖެހުމުން ގައުމުގެ ރައްޔިތުންނަށް ހާމަކުރާނެ ކަމަށް އޭނާ ބުންޏެވެ. "މިހާރު މިއީ ޓީމާއި ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ ވަގުތު"ރޮނާލްޑޯ ލިޔެފައިވެ އެވެ.
ޕޯޗުގަލްގެ ކޯޗު ޖީސަސް ބުނި ގޮތުގައި ރޮނާލްޑޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް، ބެންޗުގައި އިންނަން ޖެހުމުން އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ނޯވޭ މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ކުޅުނު ގޮންސާލޯ ރާމޯސް ޖެހި ލަނޑުން ޕޯޗުގަލް މޮޅުވިއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އެ މެޗުގެ ވަކި ހިސާބަކުން ރޮނާލްޑޯ އަށް ފުރުސަތު ދޭން ކޯޗު ނިންމިއެވެ. ނަމަވެސް ރާމޯސްގެ ކުޅުން ރަނގަޅުވުމާއި، ޕޯޗުގަލްގެ މިހާރުގެ ސިސްޓަމަށް ރޮނާލްޑޯ ނުފެތޭތީ އޭނާ އަށް ފުރުސަތު ނުދިނީއެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ޕޯޗުގަލްގެ ހަލުވި ކުޅުމަށް ރޮނާލްޑޯގެ މިހާރުގެ ލަސް ކުޅުމުގެ ސަބަބުން ބުރޫއަރައެވެ. އެހެން ނަމަވެސް، މިދިޔަ ވޯލްޑް ކަޕާ ހަމައަށް ވެސް އޭނާ އައީ ގަވާއިދުން ފުލްކޮށް ކުޅެމުންނެވެ. ކެރިއަރު ނިންމާލުމާ ގާތްވެފައިވާ ރޮނާލްޑޯ އަދިވެސް މަތީ ފެންވަރުގައި ކުޅެމުންދަނީ އޭނާގެ ކެރިއަރުގައި 1000ލަނޑު ހަމަކުރުމުގެ އަމާޒުގައެވެ. އޭނާ މިހާތަނަށް ޖުމްލަ 979ލަނޑު ޖަހާފައިވާއިރު، އޭނާއަށް ފުރުސަތު ނުދޭތީ އާއިލާގެ މެމްބަރުންނާއި ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.