ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ނުދީ އޭނާ ވާހަކަ ބަދަލުކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އުޒުބަކިސްތާން އަތުން 5-0ގެ ތަފާތަކުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކުރާ މިކްސް ޒޯނުގައެވެ.
އެ މެޗަށް ފަހު ނޫސްވެރިއަކު ވަނީ މެސީ ދެ ގޯލު ޖެހި ކަމަށާއި، އެކަމާ މެދު ރޮނާލްޑޯ ދެކެނީ ކޮން ގޮތެއްތޯ ސުވާލުކޮށްފައެވެ. ނަމަވެސް، އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އުމުރުން 41އަހަރުގެ ފޯވަޑް އެދުނީ ޖެހިގެން ހުރި ނޫސްވެރިޔާއަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެއާ އެކު އެހެން ނޫސްވެރިން އޭނާގެ ކިބައިން އެދުނީ ކުރާ ސުވާލުތަކަށް ޖަވާބު ދޭނެތޯއެވެ. އެ ސުވާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ ޖަވާބު ދޭނީ ކުރާ ސުވާލެއްގެ ގޮތުން ކަމަށާއި، ނޫން ނަމަ ޖަވާބު ނުދޭނެ ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި މެސީ ވަނީ މިހާތަނަށް ހެޓްރިކަކާ އެކު ޖުމުލަ ފަސް ގޯލު ޖަހައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް މުގުރާލައިފައެވެ. މެސީގެ އިތުރުން ރަންބޫޓަށް މިވަގުތު ވާދަކުރަނީ ދެ މެޗުން ހަތަރު ގޯލު ޖަހާފައިވާ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާއި ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ.
ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، 145ގޯލު ޖަހައިދީފައިވާ ރޮނާލްޑޯއާ ނޫސްވެރިން ދެން ސުވާލުކުރީ ވޯލްޑް ކަޕުގައި އޭނާއަށް ވެސް އެ އަދަދަށް ގޯލު ޖެހިދާނެތޯ ނުވަތަ މެސީމެންނާ އެއް ހަމައަކަށް ދެވިދާނެތޯއެވެ. އެ ސުވާލާ ގުޅިގެން ހިތްހަމަނުޖެހިފައި ހުރެ ރޮނާލްޑޯ ބުނީ ލަހުން ނަމަވެސް އޭނާއަށް އަބަދުވެސް އެ ހިސާބަށް ދެވޭނެ ކަމަށެވެ.
އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް ހެއްދެވި ފަރާތުން އެހީތެރިވެދޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނަމުން ރޮނާލްޑޯ ބުންޏެވެ
"އަހަރެން ގަބޫލު ކުރަނީ އަހަރެން ކުރާ މަސައްކަތް. އަހަރެން ގަބޫލު ކުރަނީ ހެއްދެވި ފަރާތުން ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް އެހީތެރިވެދޭނެ ކަމަށް. އަހަރެންގެ ކެރިއަރު އޮތީ މުޅިން މި ގޮތަށް. އަހަރެން އެއްވެސް ކަމެއް ބަދަލު ކުރާކަށް ނެތިން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން. ޓީމުގައި އެކުވެރިކަން އޮތުން. އާއިލާއެއްހެން. މިއީ އަހަރެންނަށް ކުރެވޭނެ ކަމަކީ. ބޭރު ތެރެއިން އަހަރެންނަކަށް ކޮންޓްރޯލެއް ނުކުރެވޭނެ"
ގައުމީ ޓީމާއެކު ޔޫރޯ 2016ކާމިޔާބުކުރި ރޮނާލްޑޯ އިތުރަށް ބުނީ، ރަނގަޅަށް ނުކުޅެ މޮޅުނުވެވޭނެކަން އެނގޭ ކަމަށާއި، އަބަދުވެސް ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި ކޮންގޯއާ ކުޅެ ޕޯޗުގަލް އެއްވަރުވުމުން، އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން ވެސް ރޮނާލްޑޯ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.