ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕޯޗުގަލް ހެޑް ކޯޗަކަށް ޖޯޖޭ ޖެސޫސް ހަމަޖައްސައިފި

ޝެއާ ކުރޭ Facebook Telegram Viber X

2030ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ހަމައަށް، ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދިނުމުގެ ބޮޑު ޒިންމާއާ ތަޖުރިބާކާރު ކޯޗު ޖޯޖޭ ޖެސޫސް ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވެއްޖެއެވެ.

ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން މި ބަދަލު ގެނެސްފައި ވަނީ، މިހާރު ކުރިއަށްދާ މުބާރާތުގެ ގަދަ 16ގައި 1-0ގެ ނަތީޖާއަކުން ސްޕެއިން އަތުން ބަލިވެ ކަޓަން ޖެހުމާ ގުޅިގެންނެވެ. މި ނާކާމިޔާބީއަށް ފަހު، 2023ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓީމަށް އިރުޝާދުދެމުން އައި ރޮބާޓޯ މާޓިނޭޒް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދޭނެކަން ހާމަކޮށްފައެވެ. 

އަންނަ 2030ވަނަ އަހަރުގެ މުބާރާތަކީ ސްޕެއިނާއި މޮރޮކޯއާ ގުޅިގެން ޕޯޗުގަލްއިން ހޯސްޓްކުރާ މުބާރާތަކަށް ވުމާއެކު، އަމިއްލަ ގައުމުގައި ކުޅޭ މުބާރާތަށް ޓީމު ތައްޔާރުކުރުމަކީ އުމުރުން 71އަހަރުގެ އާ ކޯޗުގެ އެންމެ ބޮޑު އަމާޒެވެ. ޖެސޫސްއަކީ މީގެ ކުރިން ސައުދީގެ އަލް-ނަސްރުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު މަސައްކަތްކޮށް، ސައުދީ ޕްރޯ ލީގު ވެސް ކާމިޔާބުކޮށްފައިވާ ކޯޗެކެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ޖެސޫސް ވަނީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯއަކީ އެ ގައުމުގެ ފުޓުބޯޅައިގެ ފަޚުރެއްކަމަށް ސިފަކޮށްފައެވެ. އުމުރުން 41އަހަރުގެ ކުޅުންތެރިޔާ ފިޓްކޮށް ހުރެއްޖެ ނަމަ، ގައުމީ ޓީމުން އަބަދުވެސް ފުރުސަތު ދޭނެކަމުގެ ޔަގީންކަން ޖެސޫސް ދިނެވެ.

 "ރޮނާލްޑޯއަކީ ކޯޗުންނަށް މަސައްކަތްކުރަން ވަރަށް ފަސޭހަ ކުޅުންތެރިއެއް. ޓީމަށް ނުވަތަ އަހަންނަށް ވެސް އޭނާގެ ފަރާތުން އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެ. އަދި އޭނާއާ ވާހަކަ ނުދެކެވުނު ނަމަވެސް، އެކުގައި މަސައްކަތްކުރަން ލިބުމަކީ އުފަލެއް"ޖެސޫސް ފާހަގަކުރިއެވެ.

ސްޕެއިން އަތުން ބަލިވި މެޗަށް ފަހު ރޮނާލްޑޯ ވަނީ މިއީ އޭނާގެ އެންމެ ފަހުގެ ވޯލްޑް ކަޕްކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، 2027ވަނަ އަހަރާ ހަމައަށް އަލް-ނަސްރާއެކު ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިޔާ ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކުރިކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ޖެސޫސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސްއާ ދެކޮޅަށެވެ. ކޯޗިން ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖެސޫސް ވަނީ ނިމިދިޔަ ސީޒަނުގައި ސައުދީގެ އަލް-ހިލާލަށް ތިން ތަށި ހޯދައިދިނުމުގެ އިތުރުން، ބެންފީކާގެ ކޯޗުކަމުގައި ލީގު ތައްޓާއި ބްރެޒިލްގެ ފްލެމެންގޯގައި ވެސް ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު