އެމެރިކާގެ ޑަލަސްގައި ކުޅުނު މެޗުން ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓަން ޖެހުމާ ގުޅިގެން، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފަހު ފީފާ ވޯލްޑް ކަޕް ކުޅެ ނިންމާލައިފިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުގެ ހިތާމަ ހުރި ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަން ވަނީ އޭނާގެ ދިގު ކެރިއަރާ މެދު ނުހަނު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށާއި، ދަނޑުމަތީގައި އޭނާއަށް ދެއްކުނު ކުޅުމާއި ކުރެވުނު މަސައްކަތާމެދު ފުރިހަމައަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުޓުބޯޅައިގައި މޮޅުވުމާއި ބަލިވުން އޮންނާނެކަން ފާހަގަކުރަމުން، ކުރިއަށް އޮތް ތަނުގައި ވަގުތު ދޭން ބޭނުންވަނީ އާއިލާއަށް ކަމަށާއި، ޖަޒުބާތުގައި ޖެހިގެން އަވަސްއަރުވާލައިގެން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އޭނާ ބުންޏެވެ.
ގައުމީ ޓީމަށް އޭނާ ކޮށްދިން ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލަމުން ރޮނާލްޑޯ ފާހަގަކުރީ، އޭނާގެ ކުރިން ޕޯޗުގަލްއަށް ބޮޑު މުބާރާތެއްގެ ތައްޓެއް އުފުލާލެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ މޭސްތިރިކަމުގެ ދަށުން އެ ގައުމަށް ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގުގެ ދެ ތަށި ކާމިޔާބުކޮށްދެވިފައިވާތީ، އެކަމާ އުފާކުރާ ކަމަށް އުމުރުން 41އަހަރުގެ ފޯވާޑް ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އުޒްބެކިސްތާން ކޮޅަށް ޖެހި ހިތްގައިމު ލަނޑާއެކު ރޮނާލްޑޯ ވަނީ މުބާރާތުގެ ތާރީހުން ހާއްސަ ޖާގައެއް ކަށަވަރުކޮށްފައެވެ. އެއީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފެވެ.
އެންމެ ފުރަތަމަ 2006ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕުން ވިދާލި ރޮނާލްޑޯ ވަނީ އެ ފަހަރު އީރާން ކޮޅަށް ލަނޑު ޖަހައި، 40އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕޯޗުގަލް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭގެ ފަހުން 2010، 2014، 2018އަދި 2022ވަނަ އަހަރުގެ މުބާރާތްތަކުގައިވެސް މަދުވެގެން އެއް ލަނޑު ޖަހާފައިވާއިރު، އޭނާ ވޯލްޑް ކަޕްގެ ދަތުރު ނިންމާލީ މުބާރާތުގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 27މެޗު ކުޅެ، 11ލަނޑު ކާމިޔާބުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.