ފީފާ ވޯލްޑް ކަޕް 2026ގެ ގަދަ 16ގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަށް ސްޕެއިނުގެ ގައުމީ ޓީމު ނުކުންނާނީ، މީގެ ކުރިން ކުރިމަތިވި ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ، މުބާރާތުގެ ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމުގައިކަމަށް އެ ޓީމުގެ ހެޑް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ހާމަކޮށްފިއެވެ.
ޖަރުމަނުގެ މިއުނިކްގައި ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގެ ވީޑިއޯތައް ވަރަށް ފުންކޮށް ދިރާސާކޮށްފައިވާކަން ފާހަގަކުރަމުން ފުއެންޓޭ ބުނީ، މި މެޗަކީ އެ ދުވަހުގެ ނަތީޖާގެ ބަދަލުހިފުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. ކުދިކުދި ގޯސްތަކުން ބޮޑެތި ގެއްލުންތައް ވެދާނެކަން ގަބޫލުކުރާކަމަށާއި، އިދިކޮޅު ޓީމުގެ ބަލިފައިތައް ދެނެގަތުމަކީ މޮޅުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް އޭނާ ބުންޏެވެ.
ދެ ގައުމުގެ ފުޓުބޯޅައިގެ ސްޓައިލް ވަރަށް އެއްގޮތްކަން ފާހަގަކުރަމުން ކޯޗު ބުނީ، ދެ ޓީމަކީ ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން އިސްކަންދޭ ދެ ޓީމު ކަމަށެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގެ މެޗަކަށްވުމުން، މިއީ މުޅިން ތަފާތު ޕްރެޝަރެއް އޮންނާނެ ކުރިމަތިލުމެއްކަމަށާއި، މެޗުގެ ކޮންޓްރޯލް ހޯދުމަށް ސްޕެއިނުން ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުއެންޓޭ ތަފްސީލުކޮށްދިނެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނުރައްކާތެރިކަމަށް އަލިއަޅުވާލަމުން ސްޕެއިނުގެ ކޯޗު ވަނީ އޭނާއަކީ ފުޓުބޯޅައިގެ "ޖީނިއަސް"އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކުރި މެޗުގައި ވެސް ލަނޑުޖެހި ރޮނާލްޑޯއަކީ ކޮންމެ ހިނދުކޮޅެއްގައި ވެސް މެޗުގެ އޮއިވަރު ބަދަލުކޮށްލުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިއެއްކަމަށް ބުންޏެވެ. ރޮނާލްޑޯ ހުއްޓުވުމަށް ވަކި ކުޅުންތެރިއަކު ހާއްސަ ނުކުރި ނަމަވެސް، އޭނާ ބޯޅައާ އެކު ހުންނަ ވަގުތުތަކުގައި ޑިފެންސްލައިނުން ހޭލާތިބުމަށް ވަނީ އިރުޝާދުދީފައެވެ.
ސަމާސާ ރާގަކަށް ފުއެންޓޭ ބުނީ ރޮނާލްޑޯ ނުކުޅޭ ނަމަ އެކަމާ އެންމެ އުފާކުރާނެ އެކަކީ އޭނާ ކަމަށެވެ. އެހެން ނަމަވެސް ޓީމު އޮތީ އޭނާއާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެގެންކަން ކޯޗު ކަށަވަރުކޮށްދިނެވެ.
ސްޕެއިނުން 2010ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރަން ޖީލުގެ ކުޅުންތެރިންނާ މިހާރުގެ ސްކޮޑާ އަޅާކިޔާތީ އެކަމާ ފަހުރުވެރިވާކަމަށް ފުއެންޓޭ ބުންޏެވެ. އެހެން ނަމަވެސް، މިހާރުގެ ކުޅުންތެރިންނަކީ އަދި ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައިވާ ބައެއް ނޫންކަމަށާއި، އެ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދެވޭނީ ތަށިތައް ހޯދައިގެންކަން އޭނާ ގަބޫލުކުރެއެވެ.
މުޅިން އާ ޖީލަކާ އެކު ސްޕެއިނުގެ ފުޓުބޯޅައިގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ފާހަގަކުރަމުން ކޯޗު ނިންމާލީ، މި މުބާރާތް ކާމިޔާބުކުރުމަކީ އުނދަގޫ މަސައްކަތަކަށް ވިޔަސް، އެކަމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާގެ ޓީމުން ގަދައަޅައި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.