ސްޕޭނުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރޭރާގެ ކުންފުންޏަށް ބާސެލޯނާއިން ފައިސާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް ވާދަވެރި ރެއާލް މެޑްރިޑުން ޔޫއެފާގައި އެދިއްޖެއެވެ.
މި މައްސަލައާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުހިންމު ހެކިތަކެއް ރެއާލުން މިހާރު ވަނީ ޔޫއެފާގެ ތަހުގީގު ޓީމާ ހިއްސާކޮށްފައެވެ.
މިއީ 2001ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް ނެގްރޭރާގެ ކުންފުންޏަށް ބާސެލޯނާއިން 7.3މިލިއަން ޔޫރޯއަށް ވުރެ ގިނަ ފައިސާ ދީފައިވާ މައްސަލައެކެވެ. ރެއާލް މެޑްރިޑުން ތުހުމަތުކުރާ ގޮތުގައި ބާސާއިން މި ފައިސާ ދީފައި ވަނީ ރެފްރީންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައެވެ. ނަމަވެސް ބާސެލޯނާއިން މި ތުހުމަތުތައް މުޅިން ދޮގުކުރެއެވެ.
ބާސެލޯނާއިން ބުނަމުންދަނީ އެ ފައިސާއަކީ ޒުވާން ކުޅުންތެރިން ހޯދުމަށް ބޭނުންވާ ފަންނީ ރިޕޯޓުތަކާއި ޑޭޓާތައް ހޯދުމަށް ދައްކާފައިވާ ފައިސާ ކަމަށެވެ. މި މައްސަލައިގައި ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ރެއާލް މެޑްރިޑުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
"ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރުންނަށް މި ފަހުން ހުށަހެޅުނު ލިޔެކިޔުންތައް ކުރިއަށްދާ ތަހުގީގުގެ ތެރެއިން އެ ތަކެތި އަންނަނީ ބަލަމުން"ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޫއެފާގެ ބަޔާނަށް ފަހު ރެއާލުން ބުނީ، މުބާރާތުގެ އިންސާފުވެރިކަމަށާއި ރެފްރީންގެ ނިޒާމަށް އޮތް އިތުބާރަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި މައްސަލަތަކެއްގެ ހެކި އެ ކްލަބުން ހުށަހަޅާފައިވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ބާސެލޯނާއިން ބުނީ މިއީ މުޅިން އަލަށް ފެށިގެން އުޅޭ ތަހުގީގެއް ނޫން ކަމަށާއި، މިއީ ކުރިންވެސް ހިނގަމުންދާ ތަހުގީގުގެ ބައެއް ކަމަށެވެ. އަދި އަލަށް ހުށަހެޅި ކަންކަމާ ގުޅިގެން އެ ކްލަބުން ޖަވާބުދާރީވާން ޔޫއެފާއިން އަންގާފައިނުވާ ކަމަށް ވެސް ބާސާއިން ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.